09 Aug 2016, 08:41
އުރީދޫ ދިވެހި ޕްރިމީއާ ލީގުގައި ބީޖީ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗު 0-0ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމިއްޖެއެވެ.
އެ ނަތީޖާއެކު ކުޅުނު 11 މެޗުން 14 ޕޮއިންޓް ލިބިގެން ޔުނައިޓެޑް ވިކްޓަރީ އޮތީ ތާވަލުގެ ފަސް ވަނައިގައެވެ. ބީޖީ އޮތީ 11 މެޗުން ހަތަރު ޕޮއިންޓް ލިބިގެން ތާވަލުގެ އެންމެ ފުލުގައެވެ.
ފުރަތަމަ ބުރުގައި މި ދެ ޓީމް ބައްދަލު ކުރި މެޗު 2-1ގެ ނަތީޖާ އަކުން ބީޖީގެ މައްޗަށް ޔުނައިޓެޑް ވިކްޓަރީން ވަނީ ކުރި ހޯދާފައެވެ.
މިރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ދާދި އެއްވަރުގެ ކުޅުމެއް ފެނިގެން ދިޔަ އިރު އެއްވެސް ޓީމަކަށް ވަނީ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތް ނުވެފައެވެ.
ލީގްގައި ދެން މެޗެއް އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ. އެ ދުވަހު ހަވީރު ކުޅޭ މެޗުގައި ތިން ވަނައިގައި މިހާރުއޮތް ޓީސީ ސްޕޯޓްސް ކުލަބް ނިކުންނާނީ ބީޖީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ ރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓަރީ ނިކުންނާނީ ތާވަލުގެ ފުލުން ދެވަނާގައި އޮތް ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.