09 Aug 2016, 09:02
ދެހާސް އެގާރަ ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ޕަރިނީތީ ޗޯޕްރާއަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދި ފަންނާނެކެވެ. އެންމެނާ ވެސް ވަރަށް ގުޅޭ އަދި ހިތްހެޔޮ އެކްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޕަރިނީތީ ވަނީ މިހާތަނަށް ހަ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ.
ޕަރިނީތީގެ އެކްޓިންގގެ އިތުރުން، އޭނާގެ ލޯބީގެ ދިރިއުޅުމަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. ގިނަ ފަންނާނުންނާ އެއްގޮތަށް ޕަރިނީތީ އާ ބޮލީވުޑްގެ ފިރިހެން ފަންނާނުންނާ ގުޅުވައިގެން ވެސް ވާހަކަތައް ދެކެވެ އެވެ. ނަމަވެސް ޕަރިނީތީ މިހާތަނަށް ފެނިފައި ވަނީ އެފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ފަންނާނެއްގެ ގޮތުގައެވެ.
އެގޮތުން އެންމެ ބޮޑަށް ޕަރިނީތީއާ ގުޅުވައިގެން ވާހަކަ ދެކެވެނީ ޑައިރެކްޓަރު މަނީޝް ޝަރުމާ އާއެވެ. ޕަރިނީތީ ބޮލީވުޑަށް ނުކުތް ފިލްމު، "ލޭޑީޒް ވާސަސް ރިކީ ބާލް" އަކީ މަނީޝްގެ ފިލްމެކެވެ. އޭގެ ފަހުން ޕަރިނީތީ ކުޅުނު "ޝުދް ދޭސީ ރޮމޭންސް" އަކީ ވެސް މަނީޝްގެ ފިލްމެކެވެ.
މަނީޝް އާއެކު އޮންނަ ގުޅުމާ ބެހޭގޮތުން، ޕަރިނީތީ ބުނީ ދެމީހުންނަކީ ވަރަށް ގާތް އެކުވެރިން ކަމަށެވެ. ޕަރިނީތީ އެހެން ބުނި ނަމަވެސް، ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ވަނީ ދެމީހުންގެ މެދުގައި އެކުވެރިކަމަށް ވުރެ ބޮޑު ގުޅުމެއް އޮތް ކަމަށް ބުނެފައެވެ.
އަމިއްލަ ދިރިއުޅުމާ ގުޅޭގޮތުން ސުވާލު ކުރުމުން ޕަރިނީތީ ބުނީ، އޭނާގެ ދިރިއުޅުމުގެ ކަންކަމަކީ އެހެން މީހުންނާ ހިއްސާ ކުރާ ކަންކަން ނޫން ކަމަށެވެ. ހާއްސަކޮށް އޭނާގެ ލޯބީގެ ދިރުއުޅުމުގެ ވާހަކަތަކަކީ އޭނާ ނުދައްކާނެ ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
"ލޯބީގެ ކަންކަމުގައި އަހަރެންނަކީ ވަރަށް ސިއްރުން އުޅޭ މީހެއް. އަހަރެންގެ ލޯބީގެ ދިރިއުޅުމުގެ ކަންކަން އެނގޭނީ ދެތިން މީހަކަށް. އަހަރެންނަކި އަބަދުވެސް އެހާ ޕްރައިވްޓް ކޮށް އުޅޭ މީހެއް،" ޕަރިނީތީ ބުންޏެވެ.
ޕަރިނީތީ ބުނީ މީޑިއާއިން އޭނާގެ ދިރިއުޅުމުގެ ކަންކަން ހޯދަން ވަރަށް މަސައްކަތް ކުރާ ކަމަށާއި، އެކަމާ މެދު އެއްގޮތަކަށް ވެސް ހިތްހަމަ ނުޖެހޭ ކަމަށެވެ.
"އަހަރެންގެ ލޯބީގެ ވާހަކަ އަކީ މީހުން ކިޔަން ފޫހިވާނެ އެއްޗެއް، އަހަރެންގެ ހަޔާތުގައި ހުރި ހާއްސަ މީހެއްގެ ވާހަކަ ވަގުތު ޖެހުމުން އަހަރެން ދައްކާނަން،" ޕަރިނީތީ ބުންޏެވެ.