09 Aug 2016, 09:04
ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމު "މޮހެންޖޯ ދާރޯ" ރިލީޒް ކުރުމާ ގާތްވެފައި ވާއިރު، މިހާރު ވެސް އެ ފިލްމަށް 60 ކުރޯޑު ރުޕީޒްގެ އާމްދަނީ އެއް ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.
އަޝުތޯޝް ގޮވާރިކަރު ޑައިރެކްޓު ކޮށްފައިވާ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.
ހަބަރުތައް ބުނާ ގޮތުން އެ ފިލްމުގެ ސެޓެލައިޓް ރައިޓްސް ވިއްކައިގެން ފިލްމަށް 45 ކުރޯޑު ރުޕީޒް ވަނީ ލިބިފައެވެ. އަދި ފިލްމުގެ މިއުޒިކް ވިއްކައިގެން 15 ކުރޯޑުގެ އާމްދަނީ އެއް ފިލްމަށް ވަނީ ލިބިފައެވެ. "މޮހެންޖޯ ދާރޯ"ގެ މިއުޒިކް ތައްޔާރުކޮށްފައި ވަނީ އޭ.އާރް ރަހްމާނެވެ.
ފިލްމަށް ހޭދަވެފައި ވަނީ 115 ކުރޯޑް ރުޕީޒް ކަމަށް ވާއިރު، މިހާރު ލިބިފައިވާ އާމްދަނީގެ ސަބަބުން ފިލްމަށް ހިނގި ހަރަދުގެ ބޮޑު ބައެއް ކެނޑި، ފިލްމަށް ބޮޑު ފައިދާ އެއް ކުރާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާކުރެއެވެ.
"މޮހެންޖޯ ދާރޯ"ގެ މުހިންމު ރޯލުތަކުން ފެންނާނީ ރިތިކް އަދި ޕޫޖާ ހެޖް އެވެ. "މޮހެންޖޯ ދާރޯ" ރިލީޒް ކުރާ އިރު، އެ ތާރީހުގައި އަކްޝޭ ކުމާރުގެ "ރަސްތަމް" ވެސް ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައެވެ.