09 Aug 2016, 11:13
ޗައިނާއަކީ ތަރައްގީގެ ގޮތުން ކުރިއަރާފައިވާ ގައުމެއް ނަމަވެސް ތިމާވެށީގެ ގޮތުން އެ ގައުމަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ވައި ތަޣައްޔަރުވުމުގެ އުދަނގޫތަކުގެ އިތުރުން ކުނިން ތަޣައްޔަރުވެފައިވާ ކޯރުތަކުގެ މައްސަލައަކީ އެ ގައުމުގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަންތައްތަކެވެ.
އެކަންތައްތައް ހައްލުކުރުމަށް ޗައިނާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ޗައިނާގެ ފެން ތަޣައްޔަރުވުމުގެ މައްސަލަ ހައްލުކުރަން އެ ގައުމުން ވަނީ ބޮޑު ޕްރޮޖެކްޓުތަކެއް ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.
ޗައިނާގެ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން މިނިސްޓްރީން ވަނީ އެ ގައުމަށް ދިމާވެފައިވާ ފެން ތަޣައްޔަރުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް 430 ބިލިއަން ޔުއާން (64.6 ބިލިއަން އެމެރިކާ ޑޮލަރު) ހަރަދުކޮށް 4800 ޕްރޮޖެކްޓު ހިންގާނެ ކަމަށް އިއުލާން ކޮށްފައެވެ.
އެ މިނިސްޓްރީން ބުނީ، ފަންޑުގެ ދަށުން ކޯރުތަކުގެ ތިމާވެށި ހިމާޔަތްކޮށް އެތަންތަނުގެ ފެނުގެ ކޮލެޓީ ރަނގަޅުކުރާނެ ކަމަށެވެ. މީގެ އިތުރުން ބޯފެން ރައްކާތެރި ކުރުމަށާއި ބިމު އަޑީގައި އުފެދިފައިވާ ފެން ރައްކާތެރިކުރާނެ ކަމަށެވެ.
ފަށަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބައިގެ ޕްރޮޖެކްޓުތައް ފަށަން ނިންމާފައި ވަނީ ހުނާން ޕްރޮވިންސްގައި އޮންނަ ސަންޒިއާން ކޯރާއި ގަންސޫ ޕްރޮވިންސްގައި އޮންނަ ކޯރެވެ.
ނަމަވެސް އެ ޕްރޮޖެކްޓްތައް ފަށާނެ ވަކި ތާރީހެއް ބުނެފައެއް ނުވެއެވެ. (ޒިންހުއާ)