08 Aug 2016, 21:22
ސްޕޯޓްސް ކޮމިޝަނުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އަށް އެންގި އެންގުމާ އެއްގޮތަށް އަމަލުކުރެވެން ނެތް ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރިޔާޒް (ރިޔާ) ވިދާޅުވެއްޖެ އެވެ.
މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ވީއޭއެމްގެ އިންތިހާބު ބާތިލްކޮށް 30 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް ވީއޭއެމް އަށް ސްޕޯޓްސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އެކަމާ ގުޅިގެން ވީއޭއެމްގެ ރައީސް ރިޔާ ވިދާޅުވީ، ގާނޫނީގޮތުން އަދި އެސޯސިއޭޝަންގެ ބެލެނިވެރި ފަރާތަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ކަމަށާއި ސްޕޯޓްސް ކައުސިލުން އިތުރަށް މައްސަލަ ބަލައިދިނުމަށް އެދޭނެ ކަމަށެވެ.
"ކޮމިޝަނަރ އޮފް ސްޕޯޓްސް އިން ފޮނުވާފައިވާ ސިޓީ އަށް މި އެސޯސިއޭޝަނުން އަމަލު ނުކުރާނެ ވާހަކަ ދަންނަވަން. އެއީ ގާނޫނީ ގޮތުން އަދި މި އެސޯސިއޭޝަނުގެ ބެލެނިވެރި ފަރާތަކީ ހޯމް މިނިސްޓްރީ. އަދި އިތުރަށް މައްސަލަ އަނެއްކާ ބަލައި ދިނުމަށް އެދޭނީ ސްޕޯޓްސް ކައުންސިލްގައި،" އޭނާ ވިދާޅުވި އެވެ.
ރިޔާ ވިދާޅުވީ، ވީއޭއެމްގެ އިންތިހާބުގެ މައްސަލަ އަދިވެސް ކޯޓުގައި ހިނގަމުންދާ ކަމަށާއި ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށެވެ.
އެ މައްސަލާގައި ކޮމިޝަނަރ އޮފް ސްޕޯޓްސް އަހަމަދު ނަޝީދު (ޑޭވް) ވިދާޅުވީ ވީއޭއެމްގެ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ނިމުނު އިރު އެ އިންތިހާބުގައި ގާނޫނާ ހިލާފު އެތައް ކަމެއް ހުރިކަމަށް ފާހަގަ ވުމުން އިންތިހާބު ބާތިލު ކުރަން ނިންމީ ކަމަށެވެ.
މި އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހު ސްޓެލްކޯގެ ސެމިނާ ރޫމްގައި ބޭއްވި ވީއޭއެމްގެ އިންތިހާބު އެ މަގާމުގައި ކުރިން ވެސް ހުންނެވި މުހައްމަދު ރިޔާޒް (ރިޔާ) ކާމިޔާބު ކުރެއްވީ ދެ ފަހަރު ވޯޓް ލައިގެން ވެސް ނަތީޖާ އެއްވަރުވުމުން، އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) މެމްބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބު ކޮށްގެންނެވެ.
ވީއޭއެމްގެ އިންތިހާބުގައި އޮޅުވާލުމާއި މަކަރުހަދާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލު ކޮށްދެއްވަމުށް އެދި ސިވިލް ކޯޓަށް މައްސަލަ ވައްދާފައިވަނީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (ޑީއާރްޕީ)ގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.