09 Aug 2016, 08:48
އެކްޓަރު، ޕްރޮޑިއުސަރު އަދި މިއުޒީޝަން ވިލް ސްމިތު މިހާރު ގެންދަނީ އޭނާގެ އެންމެ ފަހުގެ ފިލްމު، "ސުއިސައިޑް ސްކޮޑް" ދުބާއީގައި ޕްރޮމޯޓްކުރުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އެކަޑަމީ އެވޯޑްސް ހާސިލްކޮށްފައިވާ، އެކްޓަރު ބްރިޓިޝް އެއާވޭސް އަށް ދިން އެކްސްކުލޫސިވް އިންޓަވިއެއްގައި ބުނީ، ދުނިޔެއިން ވެސް އޭނާއަށް އެންމެ ކަމުދާ ސިޓީތަކަކީ މިއާމީ އަދި ދުބާއީ ކަމަށެވެ.
ނަމަވެސް ނުދެވި ހުރި ތަންތަނުގެ ތެރެއިން އޭނާ އެންމެ ދާން ބޭނުންވާ ނުވަތަ ފިލްމެއް ކުޅެން އެންމެ ދާން ބޭނުންވާ މަންޒިލްތައް ވެސް ސްމިތް ވަނީ ހިއްސާކޮށްފައެވެ.
"އަހަރެން ވަރަށް ބޭނުންވޭ ދިވެހިރާއްޖެއަށް ދާން، އަދި އަހަންނަކަށް މާގިނަ ކަންތައްތަކެއް އިންޑޮނޭޝިއާގައި ކުރެވިފައެއް ނެތް. އަހަރެން ވަރަށް ބޭނުން އެތަންތަނަށް ދާން. އެއީ އަހަރެން ދާން އެންމެ ބޭނުންވާ ތަންތަނުގެ ލިސްޓުގެ އެންމެ ކުރީގައި ހުރި ތަންތަން،" ގްރެމީ އެވޯޑްސް ހަތަރު ފަހަރު ވިލް ސްމިތް ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު، "ސުއިސައިޑް ސްކޮޑް"ގައި ސުޕާވިލަން ޑެޑްޝޮޓްގެ ރޯލް އަދާކުރާ ސްމިތް އޭނާ ކުޅުނު ރޯލާ ގުޅޭ ގޮތުން ބުނީ، ފިލްމީ ކެރިއަރުގައި ވިލަން އެއް ނުވަތަ ނުބައިބައި މީހެއްގެ ރޯލު ކުޅެން ލިބިފައިނުވާ ކަމަށާއި އެހެންކަމުން މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.
ބްރިޓިޝް އެއާވޭސް އިން ވަނީ "ސުއިސައިޑް ސްކޮޑް"ގެ ފޭނުންނަށް އެ ފިލްމު ކުޅެފައިވާ މަންޒިލްތަކަށާއި ފިލްމުގައި ފެނިގެންދާ ތަރިންގެ ގެތަކަށް ދިއުމުގެ ހާއްސަ ޕެކޭޖެއް ތައާރަފްކޮށްފައެވެ.
ރިލީޒްކުރުމުގެ ކުރިން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް "ސުއިސައިޑް ސްކޮޑް" އަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި އެ ފިލްމަށް ވަނީ 135 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައެވެ.