ރާއްޖޭގައި ހިންގާ މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބިދޭ ގޮތަށް އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ކޮމެޓީން ފާސްކޮށްފި އެވެ.

އެ ބިލު ކޮމެޓީން ފާސްކުރީ ބިލަށް ހުށަހެޅި އާ އިސްލާހުތަކާއެކުގަ އެވެ. އެ އިސްލާހުތަކުގައިވާ ގޮތުން އެ ގާނޫނުގައި ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް މީޑިއާތަކުންކޮށްފިނަމަ ކުރާ ޖޫރިމަނާ ދައްކައި ހަލާސް ނުކޮށްފިނަމަ އެ މީޑިއާއެއް ސަސްޕެންޑްކޮށް، އަދި ލައިސެންސް ބާއިލު ކުރެވޭނެ އެވެ.

މިރޭގެ ކޮމެޓީ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ހުށަހެޅުއްވި ޑުރާފްޓުގެ ވަކި ވަކި ބާބުތަކަށް ގެންނަން ބޭނުންވާ އިސްލާހު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ފުރުސަތުގައި ޕީޕީއެމް އަށް ނިސްބަތްވާ ކޮމެޓީގެ މެމްބަރު އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު ވަނީ ބިލަށް ބައެއް ކުދި ކުދި އިސްލާހުތައް ހުށަހަޅާފަ އެވެ. އަދި އެ އިސްލާހުތައް ކޮމެޓީގެ އަގުލައްބިއްޔަތުން ވަނީ ފާސްވެސް ކޮށްފަ އެވެ. ކޮމެޓީގައި އިންނެވި އެމްޑީޕީއަށް ނިސްބަތްވާ ދެ މެމްބަރުންވެސް ބައެއް އިސްލާހުތައް ބިލަށް ގެނައި ނަމަވެސް އެއްވެސް އިސްލާހެއް ފާސްވާ ވަރަށް ވޯޓަށް ލިބިފައެއްނުވެ އެވެ.

މިރޭގެ ބައްދަލުވުމުގައި އަބުރުގެ ބިލަށް އަލަށް ހުށަހެޅި ޑުރާފްޓަށް ވެސް ޖުމުލަ 15 އިސްލާހެއް ހުށަހަޅާ އެ އިސްލާހުތައް ފާސްކުރި އެވެ.

ބިލަށް އަމަލު ކުރަން ތިން މަސް ދުވަސް ކުރިން ކަނޑައަޅާފައި ވިޔަސް، ކޮމެޓީން ފާސްކުރި އިސްލާހުތަކުގައިވާ ގޮތުން އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލު ތަސްދީގު ކުރާ ދުވަހުން ފެށިގެންނެވެ.

އެގޮތުން އެންމެ ބޮޑު އެއް އިސްލާހެއް ގެނެސްފައި ވަނީ ބިލިގެ ފަސްވަނަ ބާބުގެ 21ވަނަ މާއްދާގައި ބުނެފައިވާ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހިޔާލެއް ފާޅުކުރުމުން ކުރާ ޖޫރިމަނާ އާއި 22ވަނަ މާއްދާގައި ބުނެފައިވާ އަބުރާ ބެހެވޭ ފަދަ ހިޔާލެއް ފާޅު ކުރުމުގެ ޖޫރިމަނާ ހިމެނޭ މާއްދާތަކެވެ. އެ ދެ މާއްދާގައި ބުނެފައިވާ ޖޫރިމަނާ ޖައުފަރު ވަނީ 25،000 ރުފިޔާއާ 2،000،000 ރުފިޔާއާ ދެމެދަށް ކުޑަކޮށްފަ އެވެ.

ކުރިން އެ ދެ މާއްދާގައި ޖޫރިމަނާއެއްގެ ގޮތުގައި ބުނެފައި ވަނީ 50،000 ރުފިޔާއާ 2،000،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލް ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭގެއިތުރުން ޖައުފަރު ވަނީ ހަވަނަ ބާބުގެ 34ވަނަ މާއްދާގެ (މ) އަށް ވެސް އިސްލާހެއް ހުށަހަޅާފަ އެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ހަބަރެއް ރައްދުވާ ފަރާތުން އެ ހަބަރެއް ބްރޯޑްކާސްޓުކުރި ފަހުން ނުވަތަ ޝާއިއުކުރިފަހުން ރައްދެއް ޝާއިއުކުރަން ނުވަތަ ބްރޯޑްކާސްޓުކުރަން ބޭނުންވާ ނަމަ އެއްވެސް އަގެއް ނުވަތަ ފީއެއް ނެގުމަކާއި ނުލާ އެ ހަބަރެއް ޝާއިއު ނުވަތަ ބްރޯޑްކާސްޓު ކުރަންވާނެ ކަމަށެވެ.

ޖައުފަރު ވަނީ ހަމަ އެ ބާބުގެ 35ވަނަ މާއްދާގެ (ބ) އަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. އިސްލާހުގައި ބުނެފައި ވަނީ އަބުރާ ބެހެވޭފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެނަމަ ލައިވް ފީޑު ހުއްޓާލަން އަބުރާ ބެހެވުނު ފަރާތުން ކަމާ ބެހޭ ދައުލަތުގެ މުއައްސަސާއަށް އެންގުމުން ވެސް ލައިވް ފީޑު ކަނޑާ ނުލައިފި ނަމަ ކަމާ ގުޅޭ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތީން އެ މީޑިއާ އަކަށް ފިޔަވަޅު އަޅަންވާނެ ކަމަށެވެ.

އާރިފް ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ޖޫރިމަނާ ނުދައްކައިފިނަމަ އެ ލިޔުމެއް ލިޔުނު ނޫސްވެރިޔާ ވެސް ޖަލަށް ދާންޖެހޭނެ އެވެ. އޭނާގެ ޖަލަށް ލެވޭނީ ގިނަވެގެން ހަ މަހަށް ކަމަށް ބިލުގައިވެ އެވެ. އެއީ ކުރިން ވެސް ބިލުގައި އޮތް ގޮތެވެ.

ޖޫރިމަނާ ދައްކައި ހަލާސް ކުރުމުން ނޫނީ އިސްތިއުނާފެއް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާ މާއްދާއަށް އިސްލާހު ކުރަން ހުށަހަޅާފައެއް ނުވެ އެވެ. އެ އިސްލާހަކީ މީޑިއާތަށް ކަންބޮޑުވުންފާޅު ކުރި އިސްލާހެކެވެ.

ބިލަށް އަލަށް ހުށަހަޅާފައިވާ އިސްލާހެއްގައި ބުނެފައި ވަނީ އަބުރާ ބެހެވޭފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެނަމަ ލައިވް ފީޑު ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.

ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކޮށްފައެއް ނުވެ އެވެ. އެގޮތުން 50،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.

ގައުމީ ސަލާމަތަށް ނުރައްކާވާދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފިނަމަ އެ މީޑިއާއެއް 50،000 ރުފިޔާއިން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.

އެގޮތުން އާންމު ނިޒާމާ ހިލާފުވު ވާހަކައެއް މީޑިއާއަކުން އާންމުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އާންމު ނިޒާމާ ހިލާފު ވާހަކައެއް ފެތުރި ނޫސްވެރިޔަކު 50،000 ރުފިޔާއިން 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.

އިސްލާމް ދީނުގެ އަސްލަހާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ އަދި އެކަން ކުރި ނޫސްވެރިއަކު ގާނޫނުލް އުގޫބާތު ދަށުން އަދަބު ދެވޭނެ ކަމަށް ބިލުގައިވެ އެވެ.