08 Aug 2016, 21:46
ޕާކިސްތާނުގެ ކުއެޓާގެ ހޮސްޕިޓަލަކަށް ޖާނުން ފިދާވެގެން މިއަދު ދިން ހަމަލާގެ ޒިންމާ ޕާކިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުގެ ފެކްޝަނަކުން އުފުލައިފި އެވެ.
ހޮސްޕިޓަލުގެ އެމާޖެންސީ ވޯޑުގައި އޮތް ފަނޑިޔާރަކު މަރުވުމުގެ ހިތާމައިގައި ގިނަ އަދަދެއްގެ ފަނޑިޔާރުން ހޮސްޕިޓަލަށް އެއްވެފައި ވަނިކޮށް ދިން އެ ހަމަލާގައި މިހާތަނަށް 64 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ހަމަލާގެ ޒިންމާ ނަގާފައިވަނީ ޖަމާތުލް އަހްރާރް ނަމަކަށް ކިޔާ ބައެކެވެ.
އެ ޖަމާއަތުގެ ތަރުޖަމާން އަހްސަނުﷲ އަހްސަން ނެރުނު ބަޔާނެއްގައި ބުނީ، ހޮސްޕިޓަލުގެ އެމާޖެންސީ ވޯޑުގައި އޮތް ވަކީލުންގެ ކަންތައްތައް ބަލަހައްޓާ ކައުންސިލްގެ ރައީސް މަރާލީ އެ ޖަމާއަތުން ކަމަށެވެ. އަދި ހަމަލާދީފައިވަނީ އޭނާ މަރުވުމުގެ ހިތާމައިގައި އެތަނަށް ދިޔަ މީހުންނަށް އަމާޒުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން، އެފަދަ އިތުރު ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު، މިއަދު ހޮސްޕިޓަލަށް ދިން ހަމަލާގެ ވީޑިއޯ ރިޕޯޓެއް އާއްމުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ކުއެޓާ ސިވިލް ހޮސްޕިޓަލުގެ ޑިރެކްޓަރު އަބްދުލް ރަހްމާން ވިދާޅުވީ، މިއަދު ދިން ހަމަލާގައި 92 މީހުން ޒަހަމްވެ ދަނީ ފަރުވާ ދެމުންނެވެ. އަދި ޒަހަމްވެފައިވާ ގިނަ މީހުންނަކީ ފަނޑިޔާރުންކަމަށް އޭނާ ވިދާޅުވި އެވެ.