08 Aug 2016, 18:54
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ލީގުގެ ދެވަނަ ބުރުގެ މެޗުގައި ވެލެންސިއާގެ މައްޗަށް ޓީސީން ކުރި ހޯދީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާ އެކު ކުޅުނު 11 މެޗުން ލިބުނު 20 ޕޮއިންޓާއެކު ލީގުގެ ތިން ވަނައިގައި ޓީސީ އޮތް އިރު، މިއަދުގެ މެޗުން ބަލިވި ވެލެންސިއާ އޮތީ ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނައިގައެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް އެޓީމު ކުޅުނު 11 މެޗުން 24 ޕޮއިންޓް ލިބިފައިވާ އިރު، ލީގުގެ ދެ ވަނައިގައި އޮތް ކްލަބު އީގަލްސް އަށް 11 މެޗުން ލިބިފައިވަނީ 23 ޕޮއިންޓެވެ.
އޮގަސްޓް 8، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ވެލެންސިއާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ 15 ވަނަ މިނެޓުގައި ވެލެންސިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ހާންސްލޭ އޭވީ އަވީލޯ ނަގައިދިން ހުރަހަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި އަހްމަދު ރިލްވާން (ރިލޭ) ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 27 ވަނަ މިނެޓުގައި ޓީސީން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހަސަން ނާއިޒް (ދާދު) ދިން ބޯޅައަކުން ޓީސީ އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުފެއްދި ހަމަލާއަކުންނެވެ.
މެޗުގެ 39 ވަނަ މިނެޓުގައި ލަނޑެއް ޖަހައި، ލީޑު ފުޅާކޮށްލުމުގެ ފުރުސަތެއް ޓީސީ އަށް ލިބިގެންދިޔައެވެ. ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ހަމަލާ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ލަނޑުން ޓީސީ ކުރީގައި އޮވެގެންނެވެ.
އޮގަސްޓް 8، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ވެލެންސިއާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ދެވަނަ ހާފު ފެށިތާ މިނެޓެއް ފަހުން ޓީސީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޔާމީން އިބްރާހިމް (ޔާމްބެ) ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޮންޑާ އުފެއްދި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 57 ވަނަ މިނެޓުގައި ވެސް ބޮންޑާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ނާފިއު ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮންޑާ ބޮލުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވެލެންސިއާއަށް ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އަވީލޯ ދިން ބޯޅައަކުން ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަންހެލް ކަރެސްކޯސާ މުނޯޒް އުފެއްދި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނުކުތުމާއެކު ލިބުނު ރީބައުންސް ބޯޅައިން އަންހެލް އުފެއްދި ހަމަލާ ޓީސީގެ ޑިފެންޑަރު މުހައްމަދު އިންޝާދު ވަނީ ދިފާއުކޮށްފައެވެ.
އޮގަސްޓް 8، 2016: އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ވެލެންސިއާ އާއި ޓީސީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-0 ލަނޑުން ކާމިޔާބުކުރީ ވެލެންސިއާ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގައި ޓީސީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ސެންޓޭއެވެ. ޓީސީ އަށް އެ ޕެނަލްޓީ ލިބިފައިވަނީ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސެންޓޭ އަށް ޝާފިއު އަހްމަދު (ޝާފީ) ކުރި ފައުލަކާ ގުޅިގެންނެވެ.
ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓަރީއެވެ.