08 Aug 2016, 17:39
ހިޔާލުފާޅުކުރުން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައިވާ ޖޫރިމަނާތައް ކަނޑައަޅާ ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ނުކޮށްފިނަމަ އެ މީޑިއާއެއް "ބަންދު" ކުރެވޭ ގޮތަށް އިސްލާހު ހުށަހަޅައިފި އެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުމުގެ މިނިވަންކަމުގެ ބިލުގެ ނަމުގައި ހުށަހަަޅާފައިވާ ބިލު ދިރާސާ ކުރާ ކޮމެޓީއަށް އެ އިސްލާހު ހުށަހެޅުއްވީ ކޮމެޓީގެ މެމްބަރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ.
އޭނާ ވަނީ 31 މާއްދާއެއްގެ މައްޗަށް އެކުލެވޭ ގޮތަށް މިހާރު ހުށަހަޅާފައިވާ ބިލަށް 39 މާއްދާއެއްގެ މައްޗަށް އެކުލެވޭ ޑްރާޓެއް ހުށަހަޅާފަ އެވެ.
އޭނާ ހުށަހެޅި ޑްރާފްޓުގެ 32 ވަނަ މާއްދާގައިވާ ގޮތުން އެ ގާނޫނުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ނުދައްކައިފިނަމަ އެ މީޑީއާއެއްގެ ލައިސަންސް ސަސްޕެންޑްް ކުރަން ނުވަތަ ބާތިލްކުރަން މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއްއައްސަސާއިން ކަނޑައަޅަންވާނެ ކަމަށެވެ.
އުގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު މަޖިލީހަށް ހުށަހެޅުއްވި ބިލުގައި މީޑިއާގެ ލައިސެންސް ބާތިލް ކުރުމުގެ ވާހަކައެއް ހިމަނާފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކުރާ ވަގުތީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު
އާރިފް ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ޖޫރިމަނާ ނުދައްކައިފިނަމަ އެ ލިޔުމެއް ލިޔުނު ނޫސްވެރިޔާ ވެސް ޖަލަށް ދާންޖެހޭނެ އެވެ. އޭނާގެ ޖަލަށް ލެވޭނީ ގިނަވެގެން ހަ މަހަށް ކަމަށް ބިލުގައިވެ އެވެ. އެއީ ކުރިން ވެސް ބިލުގައި އޮތް ގޮތެވެ.
ޖޫރިމަނާ ދައްކައި ހަލާސް ކުރުމުން ނޫނީ އިސްތިއުނާފެއް ނުކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވާ މާއްދާއަށް އިސްލާހު ކުރަން ހުށަހަޅާފައެއް ނުވެ އެވެ. އެ އިސްލާހަކީ މީޑިއާތަށް ކަންބޮޑުވުންފާޅު ކުރި އިސްލާހެކެވެ.
ބިލަށް އަލަށް ހުށަހަޅާފައިވާ އިސްލާހެއްގައި ބުނެފައި ވަނީ އަބުރާ ބެހެވޭފަދަ ޒާތުގެ ކޮންޓެންޓެއް ވަގުތުން ގެނެސްދޭ އިވެންޓެއްގައި ހިމެނިއްޖެނަމަ ލައިވް ފީޑު ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ހުއްޓުވުމުގެ ހައްގު އަބުރާ ބެހެވުނު ފަރާތަށް ލިބިގެންވެ އެވެ.
ބިލުގައި ބުނެފައިވާ ޖޫރިމަނާގެ އަދަދުތައް ކުޑަކޮށްފައެއް ނުވެ އެވެ. އެގޮތުން 50،000 ރުފިޔާއިން ފެށިގެން 2،000،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާދަ ހަބަރު ފެތުރުމާއި އަބުރާ ބެހެވޭފަދަ ބަހެއް މީޑިއާއަކުން އާންމުކޮށްފިނަމަ އެ މީޑިއާއެއް 50،000 ރުފިޔާއިން 2،000،000 ރުފިޔާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި އެފަދަ ކޮންޓެންޓެއް ޝާއިއުކުރި ނުވަތަ ބްރޯޑްކާސްޓް ކުރި ރިޕޯޓަރެއް 50،000 ރުފިޔާ އާއި 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
އެގޮތުން އާންމު ނިޒާމާ ހިލާފުވު ވާހަކައެއް މީޑިއާއަކުން އާންމުކޮށްފިނަމަ ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 1،000،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އާންމު ނިޒާމާ ހިލާފު ވާހަކައެއް ފެތުރި ނޫސްވެރިޔަކު 50،000 ރުފިޔާއިން 150،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.
އިސްލާމް ދީނުގެ އަސްލަހާ ހިލާފަށް މީޑިއާއަކުން އަމަލުކޮށްފިނަމަ އަދި އެކަން ކުރި ނޫސްވެރިއަކު ގާނޫނުލް އުގޫބާތު ދަށުން އަދަބު ދެވޭނެ ކަމަށް ބިލުގައިވެ އެވެ.