08 Aug 2016, 18:21
އެމެރިކާގައި މަސައްކަތު މާހައުލުގައި އުޅޭއިރު ބުރުގާ ނަގަން ދެކޮޅު ހެދި އަންހެނަކު ވަޒީފާއިން ވަކިކޮށްފި އެވެ.
އެމެރިކާގެ ވާޖީނިއާ ސްޓޭޓްގައި ހުންނަ ފެއާ އޯކްސް ޑެންޓަލް ކެއާ ކްލިނުކުގައި ޑެންޓަލް އެސިސްޓަންޓެއްގެ ވަޒީފާ އަދާކުރަން ބުރުގާ އަޅައިގެން ދިއުމުން ވަޒިފާއިން ވަކިކުރި ނަޖަފް ޚާން ބުނީ، ބުރުގާ ނަގަން އޮފީހުގެ ބޮސް އޭނާއަށް އެންގީ ހަމަހަމަ މާހައުލެއް ބޭއްވުމަށް ކަމަށް ބުނެ ކަމަށެވެ.
އަދި އޭނާ ހެދުން އަޅާ ގޮތުން އެ ކްލިނަކަށް އަންނަ ޕޭޝަންޓުން ހިތްހަމަނުޖެހޭނެ ކަމަށާއި ދީން އޮފީހަށް ބޭރުގައި ބެހެއްޓުމަށް ބުނި ކަމަށް، ވަޒީފާ އަދާ ކުރުމަށް ނުކުތް ތިން ވަނަ ދުވަހު ވަޒީފާއިން ވަކިކުރި ނަޖަފް ބުންޏެވެ.
"އަހަރެން ވަރަށް ހައިރާންވި. ކުރިން އަހަރެން މަސައްކަތްކުރަމުން އައީ ވަރަށް ރަނގަޅަށްކަމަށް ބޮސް ބުނި. އަހަރެން ހިއެއް ނުކުރަން ބުރުގާ އެޅުމަކީ މާބޮޑު ކަމަކަށް ވެދާނެ ކަމަކަށް. އެހެންނަމަވެސް އެކަހަލަ ވާހަކައެއް ބޮސް ދައްކަފާނެ ކަމަށް ބެލުވުނު. ނަމަވެސް އަހަރެން ބުރުގާ އެޅުމުން އޮފީހުގައި މަސައްކަތްނުކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވުނު" ނަޖަފް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން އެމެރިކަން އިސްލާމިކް ރެލޭޝަންސް (ސީއޭއައިއާރު) އިން ވަނީ، ނަޖަގް ވަޒީފާއިން ވަކިކުރި މައްސަލަ އަނބުރާ ގެނެސް އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލާފަ އެވެ.
"ގަބޫލުކުރާ ދީނެއްގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިގެން ނުވާނެ. ނަޖަފް މަސައްކަތްކުރަމުންދިޔަ ކްލިނުކުން އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް ގޮވާލަން،" ސީއޭއައިއާރުގެ ނެޝަނަލަ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިބްރާހިމް ހޫޕާ ވިދާޅުވި އެވެ.
ނަޖަފް ބުނީ، ޑެންޓަލް ކުލިނިކްގެ ވަޒީފާ އިންޓަވިއުއަށްދިޔަ އިރު އޭނާ ބުރުގާ ނާޅާ ކަމަށާއި ނަމަވެސް ދީން ކުރިއަށް ނެރުމަށް ބުރުގާ އަޅައިގެން ވަޒީފާއަށްދާން ނިންމީ ކަމަށެވެ.