ބާރަށް ދުއްވައިފަ ދިޔަ ސައިކަލަކުން ޖެހި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެންގޮސް، ދުއްވަން އިން މީހާއަށް ޒަހަމްވުޖެ އެވެ.

ކޮންޓްރޯލް ނުވެގެން ދިޔަ ސައިކަލަކުން ޖެހި ފިހާރައެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސް، ސައިކަލް ދުއްވަން އިން މީހާ އަށް ޒަހަމްތައް ލިބިއްޖެ އެވެ. މިރޭ 10:25 އެހާކަންހާއިރު އެ އެކްސިޑެންޓު ހިނގައިފައިވަނީ ހެންވޭރު އަބަދަށްފެހި މަގުގައި އެވެ.

ސައިކަލު ޖެހިފައިވަނީ އެ މަގުގައި ހުންނަ "ޕްލަސް ސައިޒް" ފިހާރައިގެ ބިއްލޫރިގަނޑުގަ އެވެ. މި އެކްސިޑެންޓްގައި ފިހާރައިގެ ބިއްލޫރިގަނޑު ވަނީ އެއްކޮށް ފުނޑުފުނޑުވެފަ އެވެ.

މަންޒަރު ދުށް މީހަކު ބުނީ، އެ އެކްސިޑެންޓް ހިނގީ އެ މަގުން ދުއްވައިފަ ދިޔަ ކާރެއް އޯވަޓޭކް ކުރަން މަސައްކަތް ކުރި ވަގުތު ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް، ފިހާރައިގެ ބިއްލޫރި ގަނޑުގައި ޖެހިގެން ކަމަށާއި ސައިކަލް ދުއްވަން އިނީ ފިރިހެނަކު ކަމަށެވެ. އަދި ފަހަތު ސީޓުގައި އިތުރު ފިރިހެނަކު އިން ކަމަށް ވެސް ވިދާޅުވި އެވެ.

އެމީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި ލައިސަންސް އޮތް ބައެއްތޯ ސުވާލު ދެންނެވުމުން ފުލުހުންގެ އޮފިޝަލު ވިދާޅުވީ، އެކަން ދަނީ މިހާރު ތަހުގީގު ކުރަމުން ކަމަށެވެ.

ފުލުހުން ބުނީ ސައިކަލް ދުއްވަން އިން މީހާގެ ގަޔަށް ބިއްލޫރިކޮޅުކޮޅު ވަދެ ކުދި ޒަހަމްތައް ލިބިފައިވާތީ އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ހާދިސާގައި އޭނާއަށް ސީރިއަސް ޒަހަމެއް ނުލިބޭ ކަމަށް ވެސް ބުންޏެވެ.