08 Aug 2016, 19:04
މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު މި އަހަރު ޖުލައި މަހު ރާއްޖެ އަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު ރާއްޖެ އަށް ވަނީ 110432 ޓޫރިސްޓުން އައިސްފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 5.7 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ޖުލައި މަހު އައީ 104517 ޓޫރިސްޓުންނެވެ.
މަހުން މަހަށް ބަލާއިރު، މިއަހަރު ޖޫން މަހަށްވުރެ ޖުލައި މަހު ޓޫރިސްޓުން އައި އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. ޖޫން މަހު ރާއްޖެއަށް އައީ 79034 ޓޫރިސްޓުންނެވެ. ނަމަވެސް ޖުލައިގައި ވަނީ 110432 ޓޫރިސްޓުން އައިސްފަ އެވެ.
ޖުލައި މަހު ޓޫރިސްޓުން އެންމެ ގިނައިން އައިސްފައި ވަނީ ޗައިނާ އިންނެވެ. އެ ގައުމުން 36456 ޓޫރިސްޓުން އައިސްފައިވާ އިރު ދެވަނަ އަށް އެންމެ ގިނައިން ޓޫރިސްޓުން އައީ ޔޫކޭ އިންނެވެ. އެ ގައުމުން 7898 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ތިންވަނަ އަށް އެންމެ ގިނައިން އައީ ޖަރުމަނުންނެވެ. އެގައުމުން ވަނީ 6008 ޓޫރިސްޓުން އައިސްފަ އެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު، ރަޝިއާ، އިޓަލީނ ޖަޕާނު އަދި އިންޑިއާ އިން ވެސް ވަނީ މިދިޔަ މަހު ޓޫރިސްޓުން އައި އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.