މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ވޮލީ ބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބު ބާތިލްކޮށް 30 ދުވަހުގެ ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް ސްޕޯޓްސް ކޮމިޝަނުން ވީއޭއެމް އަށް އަންގައިފިއެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް އަހަމަދު ނަޝީދު (ޑޭވް) ސަން އަށް ވިދާޅުވީ ވީއޭއެމްގެ އިންތިހާބާ ގުޅިގެން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތައް ބަލައި ނިމުނު އިރު އެ އިންތިހާބުގައި ގާނޫނާ ހިލާފު އެތައް ކަމެއް ހުރިކަމަށް ފާހަގަ ވުމުން އިންތިހާބު ބާތިލު ކުރަން ނިންމީ ކަމަށެވެ.

މިއަހަރުގެ މާޗް 17 ވީ ބުރާސްފަތި ދުވަހު ސްޓެލްކޯގެ ސެމިނާ ރޫމްގައި ބޭއްވި ވީއޭއެމްގެ އިންތިހާބު އެ މަގާމުގައި ކުރިން ވެސް ހުންނެވި މުހައްމަދު ރިޔާޒް (ރިޔާ) ކާމިޔާބު ކުރެއްވީ ދެ ފަހަރު ވޯޓް ލައިގެން ވެސް ނަތީޖާ އެއްވަރުވުމުން، އެގްޒެކެޓިވް ކޮމިޓީ (އެކްސްކޯ) މެމްބަރުންގެ މެދުގައި ނެގި ވޯޓު ކާމިޔާބު ކޮށްގެންނެވެ.

އިންތިހާބުގައި ނާކާމިޔާބުވި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ އެ އިންތިހާބުގައި އޮޅުވާލުމާއި މަކަރުހަދާފައިވާ ކަމަށް ބުނެ އިންތިހާބު ބާތިލު ކޮށްދެއްވަމުށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެސް ވައްދައިފައެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން، ސްޕޯޓްސް ކޮމިޝަނަރަށް ވަނީ ރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ ކުޅިވަރު ތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތަކުގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު ދީފަ އެވެ.

ޑޭވް ވިދާޅުވީ ގާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ ބާރުގެ ދަށުން ވީއޭއެމްގެ އިންތިހާބު ބާތިލު ކޮށްފައިވާ އިރު 30 ދުވަހުގެ ތެރޭގައި އިންތިހާބަކަށް ގޮވާލައި އިންތިހާބު ބޭއްވުމުގެ ހުރިހާ ޒިންމާއެއް ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އާއި ހަވާލު ކޮށްފައިކަމަށެވެ.