08 Aug 2016, 19:08
ނޭޕާލްގެ ބޮޑުވަޒީރުގެ މަގާމަށް މިދިޔަ ހަފްތާގައި އިންތިޚާބުވެވަޑައިގެންނެވި ޕުޝްޕާ ކަމާލް ދަހާލް (ޕްރަޗަންދާ)އަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތަހްނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އާ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްއާ އެކުގައި މަސައްކަތް ކޮށް، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ބޮޑުވަޒީރު ޕުޝްޕާ ކަމާލް އެ މަގާމަށް އިންތިޚާބު ކުރި ކަމުން ހާމަވަނީ، ނޭޕާލްގެ ރައްޔިތުން އޭނާއަށް އިތުބާރު ކުރައްވާކަން ކަމަށާއި އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގެ ދަށުން ނޭޕާލަށް ކާމިޔާބު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޕުޝްޕާ ކަމާލް ދަހާލް ނޭޕާލްގެ ބޮޑުވަޒީރުކަމަށް އިންތިޚާބުވީ، އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރެއްވުމުން ކުރީގެ ބޮޑުވަޒީރު ކަދްގާ ޕްރަސާދު
މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީގެ ޗެއާމަންކަން ވެސް ކުރައްވާ ޕުޝްޕާ ކަމާލް ދަހާލް މީގެ ކުރިންވެސް ނޭޕާލްގެ ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ އޯގަސްޓް 2008 އިން 25 މެއި 2009 އާ ހަމައަށެވެ.
އޭނާ ބޮޑުވަޒީރުކަން ފުރަތަމަ ކުރެއްވީ އެގައުމުގެ ފުރަތަމަ ރައީސް ރާމް ބަރަން ޔަދަވްގެ ސަރުކާރުގައެވެ. އޭނާއަކީ އެ ސަރުކާރުގައި ބޮޑުވަޒީރުކަން ކުރެއްވި ދެވަނަ ބޭފުޅާއެވެ. 2009 ވަނަ އަހަރު އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ރައީސް ރާމް ބަރަން ޔަދަވް، އެގައުމުގެ އަސްކަރިއްޔާގެ އޭރުގެ ޗީފް މަގާމުން ވަކިކުރެއްވުމާ ގުޅިގެން، އެކަމާ ޚިޔާލު ތަފާތުވުން އުފެދުމުންނެވެ.
ނޭޕާލްގައި ރަސްކަމަކާއި އެކު މަލްޓި ޕާޓީ ނިޒާމެއް ހިންގަމުން ދިޔަ ދުވަސްވަރު، 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރުގެ ނިޔަލަށް މާއޯއިސްޓް ކޮމިއުނިސްޓް ޕާޓީއިން ސަރުކަރާ ދެކޮޅަށް ހިންގި އަސްކަރީ ކުރިމަތިލުންތައް ލީޑު ކުރެއްވީ މިހާރުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލެވެ. މި ކުރިމަތިލުންތަކުގައި، 10 އަހަރު ތެރޭގައި 17،000 މީހުން މަރުވިއެވެ.