ޕާކިސްތާނުގެ ކުއެޓާގެ ހޮސްޕިޓަލަކަށް މިއަދު ދިން ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރި ކޮށްފި އެވެ.

ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާ ހަވާލަދީ ފޮރިން މިނިސްޓްރީގެ ޓުވީޓެއްގައި ވަނީ ކުއެޓާގެ ހޮސްޕިޓަލަށް ދިން ހަމަލާ ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ކުއެޓާގެ ހޮސްޕިޓަލަށް ޖާނުން ފިދާވެގެން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 75 އަށް އަރައިފަ އެވެ. އެ ހަމަލާ އަމާޒުކޮށްފައި ވަނީ ހޮސްޕިޓަލުގެ އެމާޖެންސީ ވޯޑުގައި އެއްވެފައި ތިބި ގިނަ އަދަދެއްގެ ވަކީލުންނަށް ކަމަށް ހާދިސާ ހިނގި ބަލޮޗިސްތާނު ޕްރޮވިންސުގެ ހޯމް މިނިސްޓަރު ސަރުފަރާޒު ބުގްތީ ވިދާޅުވި އެވެ.

"އެހަމަލާ ދީފައި ވަނީ، މިއަދު ހެނދުނު ބަލޮޗިސްތާނު ބާ އެސޯސިއޭޝަނުގެ ރައީސަށް ހަމަލާދީ އަވަހާރަކޮށްލުމާ ގުޅިގެން ގިނަ އަދަދެއްގެ ވަކީލުންނާއި ބައެއް ނޫސްވެރިން ހޮސްޕިޓަލަށް އެއްވެފައި ވަނިކޮށް،" ބުގްތީ ވިދާޅުވި އެވެ.

އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައެއް ނުވެ އެވެ.