ހުށަހަޅާ ބިލަކުން ހަދާ ގާނޫނަކުން އަބުރު ރައްކާތެރި ނުކުރެވޭނެ ކަމަށާއި އަބުރަކީ އެ މީހަކު އަމިއްލަޔަށް ރައްކާތެރިކުރާ އެއްޗެއް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލު ނޫސްވެރިން ހުށަހެޅި އިސްލާހުތަކާ އެއްގޮތަށް ބަދަލު ނުކޮށްފިނަމަ އެމްޑީޕީގެ ހުރިހާ މެމްބަރުން ވެސް ބިލާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތްރީލައިން ވިޕެއް ނެރިފަ އެވެ. އެކަމާ ގުޅިގެން މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ އަބުރަކީ އެ މީހަކު އަމިއްލައަށް ރައްކާތެރި ކުރަން ޖެހޭ އެއްޗެއް ކަމަށެވެ.

އަބުރުގެ ބިލުގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާ ގޮތުންނާއި މިހާތަނަށް މަޖިލީހުގައި މެޖޯރިޓީ ބޭފުޅުން ކަން ކުރައްވާފައިވާ ގޮތަށް ބަލާއިރު އެއްވެސް ބަދަލަކާ ނުލައި ބިލު ތަޅުމަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމަށް އިބޫ ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ ކުރިން ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކުރުމަށް ހަފްތާއެއް ނުވަތަ ދެހަފްތާއެއް ލިބުނު ނަމަވެސް މި ދައުރުގައި ކަންތައް ވަނީ އެހެން ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"ހަމަ ކުއްލިއަކަށް މަޖިލީހުގެ ޖަލްސާ ބާއްވާ އެޖެންޑާއެއް އެކުލަވާލާފައި މެމްބަރުންނަށް އެބަގޮވާލައި. އެހެންވީމަ މި ބިލު މިރޭވެސް މާދަމާވެސް މަޖިލީހަށް އަތުވެދާނެ." އިބޫ ވިދާޅުވި އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ: ގާނޫނަކުން އަބުރު ރައްކާތެރި ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި --- ސަންފޮޓޯ// މުހައްމަދު އަފްރާހް

އަބުރުގެ ބިލާ ދެކޮޅަށް ނޫސްވެރިން ނުކުމެ މަސައްކަތް ކުރުމަކީ "ޑިމޮކްރަސީއަށް ލިބޭ ފުރިހަމަ ކަމެއް" ގޮތުގައި އިބޫ ވަނީ ފާހަގަކުރައްވާފަ އެވެ. އޭގެ ސަބަބުން މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ވިސްނުން ހުރި ގޮތް ހާމަވެގެންދާ ކަމަށް އިބޫ ވިދާޅުވި އެވެ.

އަބުރުގެ ބިލު ދިރާސާކުރައްވާ ކޮމިޓީގައި އެމްޑީޕީގެ ފަރާތުން ތަމްސީލު ކުރައްވާ މާރިޔާ އަހުމަދު ދީދީ އަދި ފައްޔާޒު އިސްމާއިލްވަނީ ބިލުގައި ހުރި އެބޭފުޅުން ކަންބޮޑުވާ ކަންކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ފައްޔާޒު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމަށް މިހާރު އެކުލަވާލައި އަމަލުކުރަމުންދާ ގަވާއިދަކީ މިހާރަށް ފުރިހަމަ ގަވާއިދެއް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އަބުރު ރައްކާތެރި ކުރުމަށް ގާނޫނެއް ހެދުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު މިހާރު ހުށަހަޅާފައިވާ ބިލަކީ އަބުރު ރައްކާތެރި ކުރުމުގެ މަގުސަދުގައި ހުށަހަޅާފައިވާ ބިލެއް ނޫން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވަނީ ސަރުކާރަށް ކިޔާ ފާޑު ހުއްޓުވަން ކަމަށްވެސް ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ: ގާނޫނަކުން އަބުރު ރައްކާތެރި ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި --- ސަންފޮޓޯ// މުހައްމަދު އަފްރާހް

މާރިޔާ ވިދާޅުވީ މީހަކު ދައްކާ ވާހަކައެއް ރިޕޯޓުކުރާ ނޫސްވެރިޔާއަށް އަބުރުގެ ދައުވާ ކުރުމަކީ "ތާކުންތާކު ޖެހޭ ކަމެއް ނޫން" ކަމަށެވެ. އެހެންކަމުން އެފަދަ މާއްދާތައް ހިމެނޭ އެބިލަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މާރިޔާ ދެކެވަޑައިގަންނަވަ އެވެ.

ބިލުގައި ހިމެނޭ މައްދާތަކުގެ ތެރެއިން ޖޫރިމަނާ ބޮޑު ވުމަކީ ވެސް މާރިޔާ ކަންބޮޑުވުން ފާޅު ކުރެއްވި އެއް މައްސަލަ އެވެ. މާރިޔާ ވިދާޅުވީ ނޫސްވެރިއެއްގެ އާމްދަނީ އަކީ 8000 ރުފިޔާއަށް ވާއިރު 50،000 ރުފިޔާ އާއި ދެމިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޖޫރިމަނާކޮށްގެން އެ ލިބޭ ފައިސާއަކީ އަބުރު ގެއްލޭ މީހާއަށް ލިބޭ ފައިސާ ނޫން ކަމަށާއި އެހެންކަމުން އެ ބިލުގެ ބޭނުމަކީ ރައްޔިތުންގެ އަތުން ސަރުކާރަށް ފައިސާތަކެއް ހޯދުން ކަމަށް މާރިޔާ ވިދާޅުވި އެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިމަނާ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުންނެވެ.