08 Aug 2016, 15:13
ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެ، އުމުރުން ވެސް ދުވަސް ވަމުން ދާތީ، ޖަޕާނުގެ އެމްޕެރަރ އަކިހިޓޯ، އެމްޕެރަރގެ މަގާމުން ވަކިވެވަޑައިގަންނަވަން ވިސްނަވަމުންދާކަން ހާމަކުރައްވައިފި އެވެ.
ޖަޕާނުގެ 82 އަހަރުގެ އެމްޕެރަރ މިކަން ހާމަކުރެއްވީ، ޖަޕާނުގެ ރަސްގެފާނުކަމުގައި މިދިޔަ 27 ދުވަހު ހޭދަކުރެއްވި އިރު، ދެވަނަ ފަހަރަށް އެގައުމުގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި، މިއަދު ދެއްވި ޚިތާބެއްގައެވެ.
"މި މަގާމަށް އަހަރެން ފުރަތަމަ އައި ދުވަހުން ފެށިގެން، ދައުލަތުގެ މަސްލަހަތު ހިމެނޭ ވަރަށް ގިނަ ކަންކަމުގައި އަހަރެން ވާނީ މަސްއޫލިއްޔަތު އުފުލާފައި. ހަމަ އެއާ އެކު، ގައުމުގެ އެމްޕެރަރގެ މަގާމުގެ މަސްއޫލިއްޔަތަކީ ކޮބައިތޯ އަހަރެން ހޯދަން މަސައްކަތް ކުރިން، މި މަގާމަކީ މިގައުމުގެ ގާނޫނު އަސާސީ ބުނާ ގޮތުގައި ދައުލަތުގެ ރަމްޒު،" އެމްޕެރަރ އަކިހިޓޯ ވިދާޅުވި އެވެ.
އެމްޕެރަރ އަކިހިޓޯގެ އުމުރުފުޅުން 80 އަހަރު ވެފައިވާ އިރު، އެމަނިކުފާނު ވަނީ ހިތުގެ ސާޖަރީއެއް ހައްދަވައި، ޕްރޮސްޓޭޓު ކެންސަރަށް ފަރުވާ ހޯއްދަވާފައެވެ.
"އަހަރެންނަށް މިހާރު 80 އަހަރު ވެއްޖެ. ނަސީބު މެދުވެރިކުރެއްވި ގޮތުން އަހަރެންގެ ސިއްހަތު މިހާރު ރަނގަޅު. އެކަމަކު އަހަރެންގެ ފިޓްނަސް ދަނީ ދަށް ވަމުން. އަހަރެން ބިރުގަންނަނީ މިގޮތަށް ގޮސް، ޖަޕާނުގެ ދައުލަތުގެ ރަމްޒުގެ ގޮތުގައި އަދާކުރަންޖެހޭ ޑިއުޓީތައް އަދާ ނުކުރެވިދާނެތީ،" ރަސްގެފާނު ވިދާޅުވި އެވެ.
ޖަޕާނުގައި ރަސްކަލަކު އެންމެ ފަހުން މަގާމު އަމިއްލަފުޅަށް ދޫކުރައްވާފައި ވަނީ 1817 ވަނަ އަހަރު، އޭރުގެ އެމްޕެރަރ ކޮކަކޫ އެވެ.
ޖަޕާނުގެ އެމްޕެރަރ އަކިހިޓޯއަށް ގާނޫނީ ގޮތުން އެ މަގާމުން އިސްތިއުފާއެއް ނުދެވޭނެ އެވެ. ސަބަބަކީ، ޖަޕާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން އިސްތިއުފާ ދިނުމަކީ ސިޔާސީ ކަމަކަށް ވާ އިރު، ޝާހީ އާއިލާއަށް ގައުމުގެ ސިޔާސީ އެއްވެސް ކަމެއްގައި ޝާމިލުވުމުގެ ފުރުސަތެއް އެ ގާނޫނު އަސާސީއިން ނުދޭ ކަމެވެ.
ރަސްގެފާނުގެ މަގާމު ދޫކޮށްލާނެކަން ސަރީހަ ބަހުން ވިދާޅު ނުވި ނަމަވެސް، އެމްޕެރަރ އަކިހިޓޯގެ ވާހަކަފުޅުން ދޭހަވަނީ، އެމްޕެރަރގެ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެވެ.
ޖަޕާނުގެ ގާނޫނުގައި، ރަސްގެފާނަށް އިސްތިއުފާ ދެއްވޭނެ ގޮތެއް ނެތުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ އެކަން އޮންނަން ޖެހޭނީ އެގޮތަށް ނޫން ކަމަށް ބުނެ، ވާހަކަ ދައްކާފައެވެ.
އެގޮތުން، އުމުރުން ދުވަސްވެފައިވާ ރަސްގެފާނު އިތުރަށް ބުރަ މަސައްކަތް ނުކޮށް، އަރާމުކޮށް "ރިލެކްސް" ކުރުމަށް ފުރުސަތު ދޭންޖެހޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދެ އެވެ.
އެމްޕެރަރ އަކިހިޓޯ ރަސްގެފާނުގެ މަގާމު ދޫކޮށްލައިފި ނަމަ، އެ މަގާމަށް ދެން އަންނާނީ އަކިހިޓޯގެ ދަރިކަލުން، ޖަޕާނުގެ ވަލީއަހުދު ނަރުހިޓޯ އެވެ.