ސެމްސަންގް ކުންފުނިން އުފައްދާ ނޯޓް ސީރީޒްގެ އެންމެ ފަހުގެ ފޯނު "ސެމްސަންގް ގެލެކްސީ ނޯޓް 7" ގަތުމަށް 2000 އަށް ވުރެ ގިނަ ދިވެހިން އެދެފި އެވެ.

ދިރާގު މެދުވެރިކޮށް އެފޯނަށް ޕްރީ އޯޑާ ކުރާފަރާތްތަކަށް ވީއާރް ގިއާ އަކާއި ކުލިއާ ކަވާއަކާ އެކު ހިލޭ ދިނުމަށް ނިންމާފައިވާ އިރު ދިރާގުގެ މެނޭޖަރު މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު މިރުޝާން ހަސަން މިއަދު ވިދާޅުވީ ޕްރީ އޯޑަރު ކުރުމުގެ މުއްދަތު މިއަދު ހަވީރަށް ހަމަވާ އިރު ތަރުހީބް ވަރަށް ބޮޑު ކަމަށެވެ.

ދެހާހަށް ވުރެ ގިނަ މީހުން އެފޯނަށް އޯޑަރުކޮށްފައިވާ އިރު މިމަހު ފަހުކޮޅު ފޯނު ލިބޭނެ ކަމަށް މިރުޝާން ވިދާޅުވި އެވެ.

ފޯނަށް އެއްކޮށް ފައިސާ ދައްކާފައި ލިބެން ހުރީ 12999 ރުފިޔާ އަށެވެ. އަދި މަހުން މަހަށް ފައިސާ ދައްކާގޮތަށް ކޮންމެ މަހަކު 849 ރުފިޔާ ދައްކާ ގޮތަށް އެ ފޯނަށް ޕްރީއޯޑާ ކުރެވޭނެ އެވެ. އިންސްޓޯލްމަންޓަށް ފައިސާ ދައްކާ ގޮތަށް ފޯނު ލިބޭނީ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 2999 ދެއްކުމުންނެވެ.

އައިރިސް ސްކޭނަރު އާއި ކާވްޑް ޑިސްޕްލޭ ހިމެނޭ ސެމްސަންގެ އެންމެ ފަހުގެ ފެބްލެޓް، ސެމްސަން ގެލެކްސީ ނޯޓް 7 ދުނިޔޭގައި ދެ ވަނައަށް ލޯންޗުކުރީ ދިރާގުން ރާއްޖޭގަ އެވެ.

ނޯޓު 7ގައި ހިމަނާފައިވާ ލޮލުގެ ކަޅި ދެނެގަންނަ ސެންސަރުން ފޯނު އަންލޮކް ކުރުމުގެ ގާބިލްކަން ލިބިފައިވެ އެވެ. ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވޭ އިރު، އެއީ އިނގިލި ނިޝާނަށް ވުރެ ރައްކާތެރި ސިފައެއް ކަމަށް ސެމްސަންގުން ބުނެ އެވެ.

ފެން ނުވަންނަ ގޮތަށް ހަދާފައިވާ ނޯޓު 7 ގައި 4 ޖީބީގެ ރޭމް އާއި، 12 މެގަ ޕިކްސެލްގެ ކެމެރާއެއް ހިމަނާފައިވެ އެވެ. މި ފޯނުގައި ހިމަނާފައި ވަނީ، ކުއަލްކޮމް ސްނެޕްޑްރެގަން 820 ގެ ޕްރޮސެސަރެކެވެ.

ނޯޓު 5 އާ ހިލާފަށް ނޯޓު 7ގައި އެސްޑީ ކާޑު ޖެހެން ހުންނާނެ އެވެ. އަދި އިންޓާނަލް ސްޓޯރޭޖް ގައި 64 ޖީބީ ހިމެނޭނެ އެވެ. މިރޭ ދައްކާލި ނޯޓު 7ގައި 3500 މިލިއެމްޕަޔަގެ ބެޓެރިއެއް ހިމަނާފައިވެ އެވެ. އެހެން ކަމުން ނޯޓު 5 އަށް ވުރެ ނޯޓު 7 ބެޓެރީ ގިނަ އިރު ހިފަހައްޓާނެ އެވެ.