"ތަކެތީގެ އަގުމައްޗަށް ރައްޔިތުން ހަނާވަނީ" ނަމުގައި ޒުވާނުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާއަށް ޒުވާނުންގެ ގުރޫޕަކުން ހުރަސްއަޅާ މުޒާހަރާ ކުރަން ގެންގުޅުނު ޕިކަޕްގެ ބިއްލޫރި ގަޑު ތަޅާލައި ގެއްލުންތަކެއް ދީފި އެވެ.

ގާތްގަނޑަކަށް ހަ އެއްކަ ޒުވާނުން ވެގެން ޕިކަޕެއްގައި ފެށި މުޒާހަރާ މަޖީދީމަގުން ކުރި އަށް ދަނިކޮށް ހެންވޭރު ޒުވާނުންގެ މަރުކަޒު ކައިރިން ހައެއްކަ ޒުވާނުންގެ ގުރޫޕަކުން ދަނގަޑު ބުރި އާއި ފަތިބުރި ފަދަ ތަކެތިން މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ ޕިކަޕްގެ ބިއްލޫރި ގަނޑު އެކީއެކަށް ތަޅާލައި އޭގައި ހުރި ސައުންޑް ސިސްޓަމަށް ވަނީ ބޮޑަތި ގެއްލުންތަކެއް ދީފަ އެވެ.

އެއާ އެކު މުޒާހަރާގެ ބައިވެރިން ވަނީ އެ ހަމަލަތަކާ އެކު ޕިކަޕް ދޫކޮށްލައި ފިލައިފަ އެވެ. މުޒާހަރާގެ ބައެއް ބައިވެރިންނަށް ކުދި ކުދި އަނިޔާލިބުނަސް ސީރިއަސް އަނިޔާތަކެއް ނުލިބެ އެވެ.

މުޒާހަރާގެ ބައިވެރިން ޗާނދަނީމަގަށް ދިޔުމަށް ކުރި މަސައްކަތް ނާކާމިޔާބުކޮށްލުމަށް ގުރޫޕަކުން ނުރައްކާތެރި ހަމަލާތަކެއް ދިން ގަޑީގައި އެމްޑީޕީގެ ވަރަށް އިސް އެކްޓިވިސްޓުންތަކެއް އެ ސަރަހައްދުގައި ހަރަކާތެރިވަމުން ދިޔަ ތަން ވަނީ ސަންގެ ނިއުސް ޓީމަށް ފެނިފަ އެވެ. އޭގެ ތެރޭގައި ހެންވޭރު މެދު ދާއިރާގެ ކައުންސިލަރު އަދި ފިލްމީ ތަރި ލުފްސާން ޝަކީބް، ލޫއްޕެ އެ ގުރޫޕްތަކަށް ހިތްވަރު ދިނުމުގައި އުޅުން މަންޒަރުފެނުނެވެ. އަދި ފުލުހުން އަންނަން ފެށުމުން އެމްޑީޕީގެ އެކްޓިވިސްޓުން ވަނީ އެ ސަރަހައްދުގައި އުޅުނު ގުރޫޕުތަކުގެ އަތުގައި ހުރި ދަނޑިބުރިތަކާއި އެއްޗިހި އަތުލައިފަ އެވެ.

އެ ގުރޫޕުން ވަނީ އެ ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އައި ނޫސްވެރިންނަށް ބިރުދައްކައި ހަމަލާ ވެސް ދީފަ އެވެ. އެ ގޮތުން ރާއްޖެ ޓީވީގެ ކެމެރާމަނަކަށް ހަމަލާދީ އޭނާގެ ކެމެރާ ވަނީ އެކީއެކަށް ހަލާކުކޮށްލައިފަ އެވެ. އަދި ވީޓީވީގެ ނޫސްވެރި އަކަށްވެސް ބިރުދައްކާ އިންޒާރު ދިނެވެ.
ފުލުހުން އެ ސަރަހައްދަށް އައިސްފައި ވަނީ މުޒާހަރާ ކުރި މީހުންގެ މުދަލަށް ގެއްލުންދީ މާރާ މާރީ ހިންގަން މަސައްކަތް ކުރިތާ ބައިގަޑިއެއްހާއިރު ފަހުންނެވެ. އަދި އެ ސަރަހައްދަށް ޒެޑް ޑީއާރުޕީގެ ސަޕޯޓަރުން އެއްވެ ހަލަބޮލިވާން ފެށުމުން ރަޔަޓް ގިޔަރުގެ ފުލުހުން ވެސް އެ ސަރަހައްދުގައި މުގުރާ އެކު ހަރަކާތްތެރިވެ އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ގުރޫޕަކުން ހަމަލާދީ ހަލާކުކޮށްލި ޕިކަޕް އެ ސަރަހައްދުން ގެންގޮސްފައި ވަނީ ޕިކަޕް ސާފުކުރަން ފުލުހުން ފެށުމުން އެ ޕިކަޕްގެ ވެރިފަރާތުންނެވެ. އެ ސަރަހައްދު މުޅިން ސާފުކުރެވިފައި ވަނީ ގަޑިން އެކެއް ޖެހުމާ ގާތްވެފައިވަނިކޮށެވެ.


----------
23:59 ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމް ވިދާޅުވީ، ހަމަނުޖެހުން ހިނގި
ސަރަހައްދުން ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

23:56 ހަމަލަދިން ކަމަށް ތުހުމަތުކުރެވޭ އެކަކު އެ ސަރަހައްދުން ހައްޔަރުކޮށްފި އެވެ.

23:29 ރައަޓް ފުލުހުން އެ ސަރަހައްދަށް ގޮސްފި އެވެ. ޑީއާރްޕީގެ ޒެޑް ފެކްޝަނަށް ނިސްބަތްވާ މަދު ބަޔަކު އެ ސަރަހައްދުގައި އަޑުގަދަކުރަމުން އެބަދެ އެވެ.

23:11 ތަކެތީގެ އަގު ތިރިކުރުމަށް ގޮވާލައި މިރޭ މުޒާހަރާ ކުރަން ނިކުތް މީހުން އަޑުގަދަކުރާ ބަހައްޓާފައި ހުރި ޕިކަޕު މަޖީދީ މަގުން ދުއްވައިފަ ދަނިކޮށް ދަނޑިބުރިންނާއި ދަގަނޑުބުރިން ހަމަލާދީ، ޕިކަޕުގެ ބިއްލޫރިތައް ތަޅާލައިފި އެވެ.

މިރޭ 10:30 އެހާކަންހާއިރު މުޒާހަރާ ކުރާ މަދު ބަޔަކު ޖަންކްޝަން ކަންމައްޗަށް ދިއުމަށް އާޓިފިޝަލް ބީދު ސަރަހައްދުން ނައްޓާލައިގެން މަޖީދީ މަގުން ދަނިކޮށް، ގާތްގަނޑަކަށް ހަ ވަރަކަށް މީހުންގެ ގްރޫޕަކުން އެ ހަމަލާދީފައިވަނީ މަޖީދީ މަގުގައި ހުންނަ ޔޫތު ސެންޓަރު ނުވަތަ ޒުވާނުންގެ މަރުކަޒު ކައިރިންނެވެ. އޭރު ޕިކަޕު ތެރޭ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ތިއްބެވެ. ނަމަވެސް، ޕިކަޕަށް ހަމަލަދޭން ފެށުމުން އެ ޕިކަޕު ތެރޭ ތިބި މުޒާހަރާގެ ބައިވެރިން ވަނީ އެ ޕިކަޕުން ފައިބާ އެ ސަރަހައްދުން ދުރަށް ގޮސްފަ އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ހަމަލަދިން މީހުން ވަނީ ޕިކަޕުގެ ބިއްލޫރިތައް ތަޅާލުމަށްފަހު އެ ސަރަހައްދުން ފިލައިފަ އެވެ.

މުޒާހަރާކުރާ މީހުންނާ ދިމާކުރަން މިރޭވެސް އެމްޑީޕީ އެކްޓިވިސްޓުންތަކެއް ނުކުތެވެ. ނަމަވެސް، މިހާރު އެމީހުން ފެންނާކަށެއް ނެތެވެ.

ފުލުހުން މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.