އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްނުވުމުން އެ އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފި އެވެ.

އެ އިސްލާހު ފާސްކުރަން 51 މެމްބަރުން ވޯޓުދެއްވިއެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް 19 މެމްބަރުން ވޯޓު ދެއްވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނެވޭނީ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ 64 މެމްބަރުންނެވެ.

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި އޮންނަންވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް ކައުންސިލުތަކުގައި ހިމެނޭ މެމްބަރުން ދިމިގުރާތީ އުސޫލުތަކުގެ މަތީން އިންތިހާބު ކުރާނެ ގޮތް ގާނޫނުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށެވެ.

ގާނޫނު އަސާސީ އަށް އެފަދަ އިސްލާހެއް އާމިރު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑު ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އާމިރު ވިދާޅުވީ ލޯކަލް ކައުންސިލާއި ސިޓީ ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސް އެ ކައުންސިލެއްގައި ހިމެނޭ މެމްބަރުންގެ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ބައެއްގެ ގޮތުގައި އޮތުމަކީ ރައްޔިތުންގެ ޑިމޮކްރަސީގެ އުސޫލަށް ބަލާއިރު އެންމެ ޑިމޮކްރަޓިކް ގޮތް ކަމުގައި އޭނާ ދެކިވަޑައިނުގަންނަވާ ކަމަށެވެ.

ގާނޫނު އަސާސީގެ 231 ވަނަ މާއްދާގެ (ހ)ގައި މިހާރު ބުނެފައި އޮންނަނީ އިދާރީ ދާއިރާތައް ހިންގުމަށް ޓަކައި އުފައްދާ ކައުންސިލުތަކުގައި ހިމެނެން ވާނީ ހަމައެކަނި އެ ކައުންސިލަށް ނިސްބަތްވާ ސަރަހައްދުގެ ރައްޔިތުން ދިމިގުރާތީ އުސޫލުތަކުގެ މަތީން ސިއްރު ވޯޓަކުން އިންތިހާބު ކުރާ މެމްބަރުން ކަމަށެވެ.

އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބު ކުރެވޭ ކައުންސިލުތަކުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކައުންސިލަކަށް ހޮވޭ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.