މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށް ތައްޔާރުވަމުން އަންނަ ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ ވެސް އޭނާގެ މަގާމު ހޯދުމަށް މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އުމުރުން 23 އަހަރުގެ ޕޮގްބާ ދަނީ މެންޗެސްޓާ ޔުނައިޓެޑަށް އެނބުރި ދިއުމަށްޓަކައި އެ ކްލަބުގެ މެޑިކަލްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. ޔުނައިޓެޑުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު މިޑްފީލްޑަރު އަލުން ޔުނައިޓެޑާ ގުޅޭނީ ދުނިޔޭގެ ރެކޯޑް ޓްރާންސްފާ އަގަކަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީ އަތުން މޮޅުވެ، އެފްއޭ ކަޕް ޗެމްޕިއަން ޔުނައިޓެޑުން ކޮމިއުނިޓީ ޝީލްޑް އުފުލައިލި މެޗަށްފަހު މޮރީނިއޯ ބުނީ، އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ޔުނައިޓެޑުގައި ޕޮގްބާ ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

"ޕޮގްބާ ލިބޭނެކަން އެނގުމުން މިހާރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނުހެން ހީވޭ. އެފަދަ މޮޅު ކުޅުންތެރިއެއް އަހަރެމެންނާ ގުޅޭތީ އުފާކުރަން. އަހަރެމެންނަށް އެންމެ ފަހުން އޭނާ ލިބިއްޖެ. ޕޮގްބާ އެ އަންނަނީ މޮޅުވަމުންދާނެ ޓީމަކަށް. އޭނާ ވެސް ޓީމާއެކު މަސައްކަތް ކުރަންޖެހޭނެ،" މޮރީނިއޯ ބުންޏެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮމިއުނިޓީ ޝީލްޑް މެޗުގައި އިނގިރޭސި ޗެމްޕިއަން ލެސްޓާގެ މައްޗަށް އެފްއޭ ކަޕްގެ ޗެމްޕިއަން ޔުނައިޓެޑް ކުރި ހޯދީ 2-1 ލަނޑުންނެވެ. ޔުނައިޓެޑަށް ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރެވުނީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް މި ސީޒަނަށް އެ ޓީމަށް ގެނައި ސްވިޑަން ތަރި ޒްލަޓަން އިބްރަހިމޮވިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.