08 Aug 2016, 13:23
އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މިސްޓަރު އަކިލޭޝް މިޝްރާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ. އެ ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިރާއްޖެ އަށް ދިމާވާ އެކިކަންކަމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި، ރާއްޖެ އާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން އިންޑިއާ ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަޝްވަރާ ކުރެއްވި އެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި، އެ ގައުމުގެ ސަރުކާރުގެ ފަރާތުން އަބަދު ވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.