ގއ. މާމެންދުގައި ކުނިކޮށްޓެއް ގާއިމްކޮށް، ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނި ކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެންވަޔަރަންމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާމެންދޫގެ ކުނިކޮށި ގާއިމް ކުރުމާއި ރ. މީދޫ އަދި ބ. ކުޑަރިކިލުގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ އެއްބަސް ވުމުގައި ދެ ކުންފުންޏަކާ އެކު ވަނީ ސޮއި ކޮށްފައެވެ.

ގއ. މާމެންދޫގައި އަލަށް ގާއިމް ކުރާ ކުނިކޮށީގެ މަސައްކަތް 1.1 މިލިއަނަށް ހަވާލުކޮށްފައިވަނީ ބްރޯހުޑް ކޮންސްޓްރަކްޝަނާ އެވެ. ބްރޯހުޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނައީމެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިިނިސްޓަރު ޠާރިޤު އިބްރާހީމެވެ.

ގއ. މާމެންދޫގައި ގާއިމް ކުރާ ކުނިކޮށީގެ މަސައްކަތް ބުރޯހުޑާ ހަވާލުކުރުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މާމެންދޫގައި ގާއިމް ކުރާ ކުނިކޮށްޓަކީ "ސްމޯލް ސްކޭލް ވޭސްޓް ޓު އެނާޖީ ސިސްޓަމް" ގެ މަޝްރޫއުގެ ދަށުން އަޅާ ކުނިކޮށްޓެކެވެ. އެ މަޝްރޫއަކީ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓު (އޭއެފްޑީ) ގެ ލޯން އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން އެންވަޔަރަންމަންޓު މިނިސްޓްރީ އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 8.3 ލައްކަ ރުފިޔާ އަށް އައިއެސްއެފް ކޮންސްޓަރަކްޝަނާ އެވެ. އެ ދެރަށުގެ ކުނި ކޮށި އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި އައިއެސްއެފް ގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިހުސާނާ ޝަރީފެވެ.

އެ ދެރަށުގެ ކުނިކޮށީގެ މަސައްކަތައް ހަރަދުކުރަނީ ސަރުކާރުގެ ޕީއެސްއައިޕީ ގެ ދަށުންނެވެ.

ގއ. މާމެންދުގައި ކުނިކޮށްޓެއް ގާއިމްކޮށް، ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނި ކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސޮއި ކުރުމުގެ ރަސްމިއްޔާތަށްފަހު އެންވަޔަރަންމަންޓު މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ ރ. ވަންދޫގައި ހުރި ރ، ބ، ޅ އަދި ނ އަތޮޅުގެ ރީޖަނަލް ވޭސްޓްމެނޭޖްމެންޓު ސެންޓަރު ހިންގުމަށް (ވޭސްޓްމެނޭޖްމެންޓް ކޯޕަރޭޝަން) ވެމްކޯއާ ހަވާލުކުރެވި، އެ ހަތަރު އަތޮޅުގެ 44 ރަށުގެ ވޭސްޓްމެނޭޖް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގއ. މާމެންދުގައި ކުނިކޮށްޓެއް ގާއިމްކޮށް، ރ. މީދޫ އާއި ބ. ކުޑަރިކިލުގެ ކުނި ކޮށި އަޕްގްރޭޑް ކުރުމަށް ބަޔަކާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތާރިގު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"އައްޑު އަތޮޅާ ފުވައްމުލަކު އަދި ހުވަދު އަތޮޅުގަވެސް ސަރުކާރުން މިދަނީ (އެ އަތޮޅުތަކުގެ) ހުރިހާ ރަށެއްގަ ކުނިކޮށި އެޅުމުގެ ޕްރޮގްރާމް ތަކެއް ފައްޓައިގެން. ބައެއް ރަށްރަށުގަ މިހާރު ހުންނާނީ ކުނިކޮށި އަޅާފަ. ދެން އަނެއްބައި ރަށްރަށުގަ އަޕްގްރޭޑިން މަސައްކަތް ކުރިއަށް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.