ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ]ރީކޯ މޫސަ[ ޝަރުއީ ކޯޓުތަކާ ގުޅޭ ގޮތުން ދައްކަވާ ވާހަކަތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ސުޕްރީމް ކޯޓުން ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުގައި މިއަދު އެދެފި އެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުންނަށް "ނުބައި ތަސައްވަރެއް ދިނުމުގެ ގޮތުން" އެކި ތަންތަނުގައި ވާހަކަ ދައްކަވާ ކަމަށް މީޑިޔާގައި ރިޕޯޓްކޮށްފައިވާ ވާހަކަތަކަށް ތަހުގީގު ކުރުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ކަންތައްތަކަށް ގާނޫނުގައިވާ ގޮތުން މަތިން ފިޔަވަޅު އެޅުމަށް ވެސް ސުޕްރީމް ކޯޓުން ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

ރީކޯ މޫސަ ވަނީ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ފަނޑިޔާރުންނާއި ކޯޓުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ބައެއް ފަނޑިޔާރުން ހައްޔަރު ކުރުމަށް ގޮވާލުމުގެ އިތުރުން އޭނާ ވަނީ "ރައްޔިތުންގެ ކޯޓު"ގެ ނަމުގައި ކޯޓެއް ވެސް އުފެއްދި ކަމަށް އިއުލާން ކުރައްވައި ހުކުމްތައް ވެސް އިއްވާފަ އެވެ. އަދި އިސްތަފާ އިބްރާހިމް މަނިކުގެ ކުށެއް ނެތް ކަމަށް ހައި ކޯޓުން ނިންމި ކަމަށް ވެސް ދާދިފަހުން މޫސަ ވިދާޅުވެފައިވެ އެވެ. އެކަމަކު ހައި ކޯޓުން ބުނެފައި ވަނީ އިސްތަފާގެ މައްޗަށް ކުށެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ އެ ކޯޓުން ބަލާފައިނުވާނެ ކަމަށާއި މޫސަގެ ވާހަކައަކީ ކަނޑައެޅިގެން އޮޅުވާލައިގެން ދައްކާފައިވާ ދޮގު ވާހަކަތަކެއް ކަމަށެވެ.