08 Aug 2016, 13:23
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކާ ނުލައި މާދަމާ ފާސް ކުރަން އަމާޒު ހިފައިފި އެވެ.
ކޮމެޓީ މަރުހަލާގައި މިހާރު އޮތް ބިލު، މާ ބޮޑެތި އިސްލާހަކާ ނުލައި މިއަދު ކޮމެޓީން ފާސްކުރާނެ ކަމަށް "ސަން"އަށް ވަނީ އެނގިފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ އިސް މެމްބަރަކު މިއަދު "ސަން"އަށް ވިދާޅުވީ އެ ބިލް މާދަމާ ފާސް ކުރަން ނިންމާފައިވާ ކަމަށާއި ބިލް ފާސްކުރާއިރު މިހާރު ބިލު އޮތް ގޮތަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށެވެ.
"ކުދިކުދި ބަދަލު އަންނާނެ، މީޑިއާގެ ކަންބޮޑުވުންތަކަށް ވެސް، އެކަމަކު ޖޫރިމަނާގެ އަދަދުތައްފަދަ ކަންކަމަށް ބަދަލެއް އަންނާނެ ކަމަށް ނުބެލެވޭ،" މެމްބަރު ވިދާޅުވިއެވެ.
މާދަމާގެ މަޖިލިސް ޖަލްސާއަށް ސަރުކާރު ކޯލިޝަންގެ މެމްބަރުން ކޮންމެހެން ވެސް ދިއުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އެދިފައެވެ.
އެމްޑީޕީގެ 22 މެމްބަރުން އެ ބިލަށް ވޯޓް ނުދިނުމަށް ނިންމާފައިވާއިރު ޖުމުހޫރީ ޕާޓީގެ އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން އެ ބިލަށް ދެކޮޅުހަދަ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގެ މެޖޯރޮޓީ އޮތް މަޖިލީހުގެ ދެން ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ފިޔަވައި އެހެން މެމްބަރުން އެ ބިލަށް ތާއީދު ކުރައްވަ އެވެ.
ޕީޕީއެމް މެމްބަރުންގެ ތެރެއިން ސީދާ އެ ބިލަށް ދެކޮޅު ހައްދަވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނެވެ.
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިމަނާ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުންނެވެ.