މާލެއާ ހުޅުލެއާ ދެމެދު އަޅާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު އަޅާ ސަރަހައްދުގައި ވިއުއިން ޕްލެޓުފޯމެއް ނުވަތަ އޮބްޒަވޭޝަން ޑެކެއް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފިއެވެ.

އޮބްޒަވޭޝަން ޑެކު ނުވަތަ ވިއުއިން ޕްލެޓުފޯމަކީ، އިމާރާތްތައް ނުވަތަ ބޮޑެތި އާކިޓެކްޗަރަލް ބިނާތައް ފެންނާނެ ފަދަ ގޮތަކަށް އެތަންތަން ކައިރީގައި، ނުވަތަ އެ ބިނާއެއްގައި ހަދާ ތަނެކެވެ. މިއީ ސައިޓްސީއިންގްއަށް ދާ މީހުންނަށް ޚާއްސަ ކުރެވޭ ތަނެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޗައިނާ މޯލްޑިވްސް ބްރިޖުގެ ވިއުއިން ޕްލެޓުފޯމެއް، ފުޑް އައުޓުލެޓުތަކަކާ އެކު ތަރައްގީކޮށް، ހިންގާނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، މިކަން ކުރަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، ޝައުގުވެރިވާ ފަރާތްތަކުން "ރިކުއެސްޓް ފޯރ ޕްރޮޕޯސަލް"، މާދަމާ 1:30 ގެ ކުރިން ހައުސިން މިނިސްޓްރީން ލިބޭނެ ކަމަށާއި، ހައުސިން މިނިސްޓްރީގެ ވެބްސައިޓުން އެ ޑައުންލޯޑުވެސް ކުރެވޭނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހަފްތާގެ ހޯމަ ދުވަހެވެ. އެއީ 2016 އޯގަސްޓް 15 ވަނަ ދުވަހެވެ.

ބްރިޖުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، 1.39 ކިލޯ މީޓަރު ހުންނަ އެ ބްރިޖްގެ މަސައްކަތް 30 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެހެން ކަމުން 2018ގައި ބުރިޖްގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.