08 Aug 2016, 12:02
ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ބިލު ފާސްކުރަން ވޯޓު ނުދިނުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފިއެވެ.
އެމްޑީޕީގެ ތަރުޖަމާން އަދި މާފަންނު އުތުރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ "ސަން"އަށް މިއަދު ވިދާޅުވީ އެބިލަށް އެޕާޓީން ތާއީދު ނުކުރާ ކަމަށާއި އެބިލަށް ވޯޓު ނުދިނުމަށް ތްރީ ލައިން ވިޕެއް މިއަދު ނެރެފައިވާ ކަމަށެވެ.
އެޕާޓީގެ 22 މެމްބަރުން އެބިލަށް ވޯޓް ނުދިނުމަށް ނިންމާފައިވާއިރު ޖުމުހޫރީ ޕާޓީގެ އަށް މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން އެބިލަށް ދެކޮޅުހަދައެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގެ މެޖޯރޮޓީ އޮތް މަޖިލީހުގެ ދެން ތިއްބެވި މެމްބަރުންގެ ތެރެއިން ދެ މެމްބަރުން ފިޔަވާ އެހެން މެމްބަރުން އެބިލަށް ތާއީދު ކުރައްވައެވެ.
ޕީޕީއެމް މެމްބަރުންގެ ތެރެއިން ސީދާ އެބިލަށް ދެކޮޅު ހައްދަވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ.
ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިމަނާ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.
ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.