08 Aug 2016, 12:27
ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި އެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް ސަފީރަކީ ކަޒުމީ އެންޑޯ އެވެ.
ރާއްޖޭގައި ޖަޕާނުގެ އެމްބަސީއެއް ފުރަތަމަ ފަހަރަށް ހުޅުވުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ޖަޕާނުގެ ޚާރިޖީ ޚިދުމަތްތައް ރާއްޖެއަށް ލިބެނީ ސްރީލަންކާގައި ހުންނަ ޖަޕާނު އެމްބަސީއިންނެވެ.
ޖަޕާނުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވީ، ކުރިން ރާއްޖެއާ ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެނިޗީ ސުގަނުމާގެ ސަފީރުކަމުގެ ދައުރު ހަމަވުމުގެ ސަބަބުންނެވެ.
ޖަޕާނުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ރެޒިޑެންޓް ސަފީރު ކަޒުމީ އެންޑޯ އިއްޔެ ވަނީ ރައީސް ޔާމީނަށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފަ އެވެ.
އެއަށް ފަހު ރައީސްއާއި ސަފީރު ވަނީ ބައްދަލުކުރައްފައިވަ އެވެ. ރައީސް ވަނީ، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށްޓަކައި ޖަޕާނު ސަރުކާރުން އަބަދުވެސް ވެދޭ އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި ޖަޕާންގެ އެމްބެސީއެއް ރާއްޖޭގައި ޤާއިމް ކުރުމުގެ ސަބަބުން ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަފީރު ކަޒުމީ އެންޑޯ ވިދާޅުވީ ރާއްޖެއާއި ޖަޕާނާ ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ސަރުކާރުން ދެއްވާ އަހައްމިއްޔަތަށް މަރުހަބާ ދަންނަވާ ކަމަށެވެ.