26 May 2011, 21:18
ލ. މާބައިދޫގައި 18 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ފޮޓޯ ފުލުހުން މިރޭ އާއްމުކޮށްފި އެވެ.
އެ އަންހެން ކުއްޖާ ރޭޕުކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މައިބާދޫ ރަންކޮކާގޭ، އަހުމަދު އަޒުމް 21، އާއި ގޯޅި ތެރޭގޭ، އިބްރާހިމް އަހުމަދު 32، އާއި ސީސައިޑް، ހުސެއިން އާފިޒް 21، އާއި ކުޑަޖެހިގެއާގެ އަހުމަދު އިމްރާން 20، އާއި ބޮކަރުމާގެ، އަހުމަދު ޝިޔާއު އެވެ. މީގެ ތެރެއިން އަހުމަދު އަޒުމާއި ހުސެއިން އާފިޒަކީ ވައްކަމުގެ ރެކޯޑް އޮތް ދެމީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެ އަންހެން ކުއްޖާ ރޭޕް ކޮށްލާފައި ވަނީ އެ ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި ދެ ފިރިހެން ކުއްޖަކު އަންހެން ކުއްޖާ އަށް ފޯނުން ގުޅައި އޮޅުވާލައިގެން އެރަށު ފުއްޓަރު ފަރާތަށް ގެންގޮސް ގެން ކަމަށް އެނގިފައިވާ ކަމަށެވެ.
ފޯނުން ވާހަކަ ދައްކަމުން މާބައިދޫގެ މަގެއްގެ މަތިން ހިނގާފައި ދިޔަ އެ އަންހެން ކުއްޖާ އަށް ފަސް މީހުން ވެގެން ހަމަލާދީ އޭނާގެ އަނގަމަތީގައި އަތްއަޅައިގެން އެ ރަށުގެ ފުއްޓަރަށް ގެންގޮސް ރޭޕް ކޮށްލާފައި ވަނީ އަންގާރަ ދުވަހުގެ އިރުއޮއްސި ގާތްގަނޑަކަށް 6:30 އެހާކަންހާއިރު ކަމަށް އެ އަންހެން ކުއްޖާގެ އާއިލާއާ ހަވާލާދީ އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.
އަންހެން ކުއްޖާ ގެއަށް ނައިސް ލަސްވެގެން އޭނާގެ އާއިލާގެ މެމްބަރުންނާއި ރައްޓެހިން ހޯދަމުން ދަނިކޮށް އަންހެން ކުއްޖާ ފެނިފައި ވަނީ ފުއްޓަރު ސަރަހައްދުގެ ވަލުތެރޭގައި ހުރި ރުކެއްގެ ބުޑުގައި އިށީނދެ ރޯން އިންދާ ކަމަށް ވެސް އާއިލާއާ ހަވާލާދީ މާބައިދޫ ރަށު ކައުންސިލުން ބުންޏެވެ.
ރަށު ކައުންސިލުން ވާހަކަ ދެއްކި މީހަކު ބުނީ ޖިންސީ ގޮތުން އަނިޔާ ލިބިފައިވާ ކަމަށް ބެލެވޭ އަންހެން ކުއްޖާ އަށް ރަނގަޅަށް ނުހިނގޭ ކަމަށެވެ. އަދި އަންހެން ކުއްޖާ ސިއްހީ މަރުކަޒާ ހަމައަށް ގެންދިޔައީ ވެސް ސައިކަލެއްގައި ކަމަށް މާބާއިދޫ ބުންޏެވެ. އަދި އަންހެން ކުއްޖާގެ ބޮލަށް ކޮންމެވެސް ވަރަކަށް އަނިޔާވެފައިވާ ކަމަށް ވެސް މާބައިދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.