08 Aug 2016, 11:01
ފިސްތޯލަ ގެންގުޅުނު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށައި ނިންމާލައިފިއެވެ.
މިއަދު ހެނދުނު ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ނުކުތާތަށް ހުށަހަޅުއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ދައުވާގައި ބުނާ ފިސްތޯލަ އަދީބުގެ ހިޔާޒަތުގެ ދަށުން ފެނިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މައްސަލައަށް ތައްޔާރުވުމަށް ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބުނާ އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ވެސް އަދީބަށް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
އަދީބުގެ މައްޗަށް އެ މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ހެކީން ބުނި ބުނުމެއްގެ މައްޗަށް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
އެވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު އަހުމަދު ހިޝާމް ވަޖީހު ވިދާޅުވީ އަދީބުގެ ހިޔާޒާތުގެ ދަށުން ފިސްތޯލަ ފެނިފައިނުވާ ކަމަށް އެމަނިކުފާނުގެ ވަކީލު ވިދާޅުވީ އެ މައްސަލަ އަކީ ޓެރަރިޒަމްގެ މައްސަލައަކަށްވާތީ ދައުލަތުން ސާބިތުކޮށްދޭންޖެހޭނީ ޓެރަރިޒަމްގެ އުންސުރުތައް ކަމަށެވެ.
އަދީބުގެ ވަކީލު ވިދާޅުވާފަދަ އުންސަރުތަކަކީ ރާއްޖެއަށް ގެނައުން މަނާތަކެތީގެ ގާނޫނުގެ ދަށުން އުފުލާ ދައުވާގައި ސާބިތުކޮށްދޭންޖެހޭ ކަންތައްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) ގައި ބުނާ އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނުލިބޭ ކަމަށް ވިދާޅުވާއިރު، އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވާފައި ވަނީ ފުރަތަމަ އަޑުއެހުން ބޭއްވިތާ ފަސް މަސް ފަހުން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެ މައްސަލައިގެ ހެކިބަސް ނެގުމަށް ބާއްވަން ތާވަލްކުރި ތިން އަޑުއެހުމެއް ކެންސަލް ކުރަން ޖެހުނު ކަމަށާއި އެހެންކަމުން އެކަންކަމަށް ބަލާއިރު، އެކަށީގެންވާ ވަގުތު ދިފާއީ ވަކީލަށް ކޯޓުން ދީފައިވާކަން އެނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ހަމައެކަނި ހެކީން ބުނި ބުނުމަކަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ކަމަށް ވިދާޅުވާއިރު، ހެކިބަސްދިން މީހެއްގެ ފޯނުން ހަތިޔާރުތަކުގެ ފޮޓޯ ވަނީ ފެނިފައި ކަމަށާއި ފޮރެންސިކް ރިޕޯޓުގައި އެ ފޮޓޯ ހިމަނާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެެއްޓެވި ހައިކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.