މީހަކު އުޅޭތަނެއް ނޭނގިގެން އޭނާގެ މައްސަަލަ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލައިފިއެވެ.

ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައި ވަނީ މ. ހަވީރީނައިޓް، މުހައްމަދު ރަޝީދުގެ މައްޗަށް ދައުލަތުން އުފުލި އަމުރަށްނުކިޔަމަންތެރިވި މައްސަލައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މިދިޔަ މެއި މަހުގެ އަށް ވަނަ ދުވަހާއި އަދި ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އަމުރު ފޮނުވާފައިވާ ކަމަށެވެ. ނަަމަވެސް އޭނާ ހޯދާހޯދައި ނުފެނުނު ކަމަށް ފުލުހުން އެ ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައިވެއެވެ.

ފުލުހުން އެހެން ބުނުމާ ގުޅިގެން މުހައްމަދު ރަޝީދު ދިރިއުޅޭ އެޑްރެހެއް ސާފުކޮށްދިނުމަށް މިދިޔަ ޖުލައި މަހުގެ ހަތަރު ވަނަ ދުވަހު ޕީޖީ އޮފީހަށް އެންގި ކަމަށާއި ނަމަވެސް 15 ދުވަހުގެ ތެރޭގައި އެޑްރެސް ސާފުކޮށް އަންގާފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.

މުހައްމަދު ރަޝީދު ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދުކުރާނެ އެޑްރެހެއް ސާފުވީ ދުވަހަކުން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ މައްސަލަ ބަލާނެ ކަމަށް ވެސް އެ ހުކުމްގައިވެއެވެ.