ހޯމް މިނިސްޓަރުގެ މަގާމަށް މިދިޔަ ހަފްތާގައި އައްޔަނު ކުރެވިގެން ދިޔަ، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަޒްލީން އަހްމަދަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ، އަޒްލީންގެ ނަންފުޅު ދިރާސާކޮށް، އޭނާއަށް ރުހުން ދިނުމާ ބެހޭގޮތުން ގޮތެއް ނިންމެވުމަށް އެދިވަޑައިގެންފައެވެ.

އެ ސިޓީގައިވާ ގޮތަށް، ހޯމް މިނިސްޓަރުކަމަށް އައްޔަނު ކުރެވުނު އަޒްލީންގެ ނަންފުޅު ދިރާސާކޮށް، ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މިއަދު ވަނީ ފޮނުއްވައިފައެވެ.

އަޒްލީންގެ ނަންފުޅު ދިރާސާ ކުރަން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި އިރު، މީގެ ކުރިން ވަޒީރުކަމަށް އައްޔަނު ކުރެވުނު ފަސް ބޭފުޅަކަށް ރުހުން ދިނުމުގެ މައްސަލަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ދިރާސާކޮށް ނިންމުމަށްފަހު، ކޮމިޓީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހެޅުއްވި އެވެ.

އެ ފަސް ބޭފުޅުންނަކީ ޔޫތު މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެވުނު އިރުތިޝާމް އާދަމާއި، ފިނޭންސް މިނިސްޓަރުކަމަށް އައްޔަނު ކުރެވުނު އަހްމަދު މުނައްވަރާއި، ހެލްތު މިނިސްޓަރުކަމަށް އައްޔަނު ކުރެވުނު އަބްދުﷲ ނާޒިމް އިބްރާހީމާއި، ޖެންޑާ އެންޑް ފެމިލީ މިނިސްޓަރުކަމަށް އައްޔަނު ކުރެވުނު އައިމިނަތު ޒެނީޝާ ޝަހީދު ޒަކީގެ އިތުރުން ފޮރިން މިނިސްޓަރުކަމަށް އައްޔަނު ކުރެވުނު ޑރ. މުހައްމަދު އާސިމް އެވެ.

މި ފަސް ބޭފުޅުންގެ އިތުރުން ހޯމް މިނިސްޓަރުކަމަށް ކުރިން އައްޔަނުކުރެވުނު އަހްމަދު ޒުހޫރުގެ ނަންވެސް ކޮމިޓީއަށް ފޮނުވުނެވެ. އެހެން ނަމަވެސް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ މަގާމަކަށް މިދިޔަ ހަފްތާގައި ބަދަލު ކުރައްވައިފައެވެ.