ކާބުލް (އޮގަސްޓް 8): އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު އެމެރިކާ އާއި އޮސްޓްރޭލިއާ އަށް ނިސްބަތްވާ ދެޕްރޮފެސަރަކު ވަގަށް ނަގައިފި އެވެ.

އިއްޔެގެ ވަގުތެއްގައި އެ ދެ މީހުން ވަގަށް ނަގާފައި ވަނީ އެމެރިކަން ޔުނިވާސިޓީ އޮފް އަފްގާނިސްތާން ކައިރިން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެ ގައުމުގެ ނޫސްވެރިޔަކު ބުނި ގޮތުގައި އެމީހުން ވަގަށް ނަގާފައި ވަނީ އަފްގާން އަސްކަރިއްޔާގެ ޔުނިފޯމް އަޅައިގެން ތިބި ބަޔެކެވެ.

މި އަހަރު ތެރޭގައި އަފްގާނިސްތާނުގައި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާ މީހަކާއި އޮސްޓްރޭލިއާގެ އިތުރު މީހަކު ވަގަށް ނަގައިފަ އެވެ.

އިއްޔެގެ ހާދިސާ ހިނގާފައި ވަނީ ބޭރު ގައުމުތަކަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ދަތުރު ކުރަމުން ދިޔަ ކޮންވޯއީއަކަށް މިދިޔަ ހަފްތާގައި ދިން ހަމަލާގެ ޒިންމާ ތާލިބާނުން ނަގާފައި ވަނިކޮށެވެ.

ތާލިބާން ޖަމާއަތުގެ އާލީޑަރަކަށް މުއްލާ ހައިބަތުﷲ އަޚުންދުކަންޒާ އައްޔަން ކުރި ފަހުން އެޖަމާއަތުން ދޭ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. (ޕްރެސްޓީވީ)