ޑީއާރުޕީގެ ކޮންގްރެސް އަކަށް ނުސީދާކޮށް ޒައީމް މައުމޫން އަބްދުލް ގައްޔޫމް ގޮވާލެއްވިތާ ތިން ގަޑިއިރުވެސް ނުވަނީސް ޑީއާރުޕީގެ ލީޑަރު ތަސްމީން އަލީ އެމަނިކުފާނަށް ރައްދުދެއްވައިފި އެވެ.

ޒައީމް މައުމޫނާއި އެ ޕާޓީގެ ލީޑަރު ތަސްމީން އަލީ އާއި ދެމެދު މިދިޔަ އަހަރުން ފެށިގެން ހިނގަމުން އަންނަ ހަމަނުޖެހުންތައް ގޯސްވެ ޕާޓީ ބައިބައިވެފައިވާ މި ދަނޑިވަޅުގައި ޑީއާރުޕީގެ ބައެއް ކަންކަމާއި މެދު ޒައީމް މައުމޫން މިއަދު މީޑިއާ މެދުވެރިކޮށް ދެއްވި ހިތާބަށް ރައްދުދެއްވައި ތަސްމީން ނެރުއްވި ބަޔާނުގައި ތަސްމީން ވިދާޅުވެފައިވަނީ، ޕާޓީގެ އެތެރޭގެ ކޯޅުން ބޮޑުވެ ޕާޓީ ބައިބައިވީ ޕާޓީގެ ބައެއް މެންބަރުން ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ހިންގާ އަމަލުތަކަށް ފާޅުގައި މައުމޫން ހިތްވަރު ދެއްވަމުން ގެންދަވާތީ ކަމަށެވެ. ދާދިފަހުން ޒެޑް ޑީއާރުޕީއަކީ އަސްލު ޑީއާރުޕީ ކަމަށް ވިދާޅުވި ވާހަކަފުޅަކީ އޭގެ ހެއްކެއް ކަމަށް ވެސް ތަސްމީން ވަނީ ވިދާޅުވެފަ އެވެ.

"...އަސްލު ޑީއާރުޕީ އަކީ ޒެޑް-ޑީއާރުޕީ ކިޔާ ފެކްޝަނެއްކަމަށް ޒައީމް ވިދާޅުވި ވިދާޅުވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ ހިލާފަށް، އަދި ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ރޫހާވެސް ހިލާފަށް ވިދާޅުވި ވާހަކަފުޅެކެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ޑީއާރުޕީގެ ޒައީމުގެ މަގާމަކީ ޑީއާރުޕީގެ ތިން ވަނަ ގައުމީ ޖަލްސާގައި އެމަނިކުފާނަށް އެރުވިފައިވާ ހަމައެކަނި ޝަރަފުގެ މަގާމެކެވެ،" ދެ ސޮފުހާގެ އެ ބަޔާނުގައި ތަސްމީން ވިދާޅުވެފައިވެ އެވެ.

ޑީއާރުޕީ ބައިވެ ޒެޑް ޑީއާރްޕީގެ ނަމުގައި ބައެއް މެންބަރުން ފާޅުގައި ހަރަކާތްތެރިވަމުން އަންނަ މި ދުވަސްވަރުގައި މައުމޫން ޕާޓީގެ މެންބަރުންނާއި މުހާތަބުކުރައްވާ މިއަދު ވިދާޅުވީ ޕާޓީގެ މައްސަލަތައް ހައްލު ކުރެވޭނީ އަވަސް މުއްދަތެއްގެ ތެރޭގައި ގައުމީ ޖަލްސާއެއް ބޭއްވުން ކަމަށް އާންމު މެންބަރުންނަށް ފެންނަ ނަމަ، އެކަމަށް އެމަނިކުފާނުގެ ތާއީދު ކުރައްވާނެ ކަމަށާއި އަދި ގައުމީ ޖަލްސާ ބާއްވަން ޖެހޭނީ އިތުބާރު ހުރި ގާބިލް ބައެއްގެ މައްޗަށް އެކުލެވޭ ކޮމެޓީއެއްގެ ބެލުމުގެ ދަށުން ކަމަށެވެ.

އެ ވާހަކަފުޅަށް ރައްދުދެއްވަމުން ތަސްމީން ވިދާޅުވެފައިވަނީ، މައުމޫންގެ އެ ފާޅުކުރެއްވި ހިޔާލަކީ ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ ކަންކަން ނިންމުމަށް އިންތިހާބު ކޮށްފައިވާ ކައުންސިލާއި ޕާލަމެންޓްރީ ގުރޫޕާއި ޕާޓީގެ އެހެނިހެން ގުނަވަންތަކާއި ޕާޓީން ނިންމާފައި ނިންމުންތަކާ މެދު ސުވާލު އުފެދޭ ގޮތަށް ވިދާޅުވި "އިހާނެތި ބަސްފުޅެއް" ކަމަށެވެ.

"... ޕާޓީން ނިންމާފައިވާ ނިންމުންތަކުގެ ސައްހަ ކަމާއި މެދު ސުވާލު އުފެދޭގޮތައް ޖުމްލަކޮން ޑީއާރުޕީއަށް ނިސްބަތްކޮށް ވިދާޅުވެވުނު އިހާނެތި ބަސްފުޅަކަށްވާތީ އެކަމާމެދު ނިހާޔަތައް ހިތާމަކުރަމެވެ. އަދި ޕާޓީގެ އަސާސީ ގަވާއިދުގެ ހަމަތަކާ ހިލާފަށް، ވަކި ނަތީޖާއެއް ނެރުމަށް މަގުފަހިވާގޮތައް ކޮމެޓީއެއް އުފެއްދުމަށް ބާރުއެޅުމަކީ ޒަމާނީ ޑިމޮކްރެޓިކު ވެއްޓާއި ބީރައްޓެހިކަމެކެވެ،" ތަސްމީންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.