ރައްޔިތުންގެ ލާބަޔާއި މަންފާއަށް ގާނޫނު ހެދުމަށް އުފައްދާފައިވާ 85 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ކޮންމެ މެމްބަރަކަށް މަހެއްގެ މުސާރައަށް 82500 ރުފިޔާ ހަރަދުކުރެ އެވެ. މިއީ ދައުލަތަށް ބޮޑު ބުރައަކަށްވާ އިރު އެ ހަރަދު ކުރަންޖެހެނީ އަދުލު އިންސާފު ގާއިމްކުރުމަށާއި ތަރައްގީ އަށް ހަދަން ޖެހޭ ގާނޫނުތައް ހެދުމަށެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ސުޕީޑަށް ބަލާ އިރު މިދައުރުގައި ވެސް 100 އަށް ވުރެ ގިނަ ބިލް ވަނީ ފާސްކޮށްފަ އެވެ. ސަރުކާރުން ބޭނުންވާ ބިލްތައް ލަހެއްފަހެއްނުވެ، ރެއާއި ދުވާލު މަސައްކަތްކޮށް އެދަނީ ފާސްކުރަމުންނެވެ. ސުޕީޑު ގޯހެއްނޫނެވެ. ނަމަވެސް މުހިންމު ބިލްތަކަށް އިސްކަން ނުދޭ ކަމީ ފާޑުކިޔުން އަމާޒުވެފައިވާ އަދި ގައުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ހެއްކާ ބެހޭ ގާނޫނެއްނެތް!

މީގެއްގެ މައްޗަށް ދައުވާ އުފުލި އޭނާގެ މައްޗަށް އެކަން ސާބިތު ކުރަން މިއޮންނަ ގޮތަކީ ދެ ފަރާތުން ހުށައަޅާ ހެކިތަކެއްގެ މައްޗަށެވެ. އެހެން ކަމަށްވާ އިރު ހެކި ހުށައަޅާ ފަރާތްތަކުން ހެކި ހުށައަޅާނެ ވަކި އުސޫލްތަކެއް އޮނަންނަން ޖެހެ އެވެ. ހަމައެހެންމެ ހަމައެކަނި މީހާ ބުނާ ބަހުގެ އިތުރުން ފެންނަން ހުރި ހެކިތައް ދިރާސާކޮށް ޝަރީއަތުގައި ބޭނުންކުރެވޭނެ ގާނޫނީ ބުރަދަނެއް އެކުލަވާލަން ޖެހުނު ނަމަވެސް އެ އުސޫލެއް ނެތެވެ.

މާރާމާރީގައި ޒަހަމްވި މީހާގެ ގައިން އޮހޮރުނުލޭ ބިންމަތީގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް

މަޝްހޫރު ގާނޫނީ ވަކީލު އަލީ ޝާހް ވިދާޅުވި ގޮތުގައި ހެއްކާ ބެހޭ ގާނޫނެއް ހެދުމަށް 2006 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް މިއަދާ ހަމައަށް ވެސް އެ ގާނޫނު މަޖިލީހުން ފާހެއް ނުކުރެ އެވެ. އެކަމުގެ ސަބަބުން ހެކި ގަރީނާ ވަޒަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހެކި ގަރީނާތައް ވަޒަން ކުރުމާއި ހެކިގަރީނާ ބަލައިގަތުމަށް ބައެއް ފަނޑިޔާރުންނަށް ދަތިތައް ދިމާވޭ އެގާނޫނު ނެތުމުން، ފޮރިންސިކް ހެކިތައް ގާނޫނަކުން ބަލައިގަތުމާއި ގާނޫނެއް ނެތި ބަލައިގަތުމާއި އެއީ ވެސް ވަރަށް ތަފާތުކަމެއް،" ޝާހް ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ އެ ގާނޫނު ނެތުމުން ހެކި ވަޒަންކުރުމުގެ މައްސަލަތައް ދިމާވާ އިރު ކުށްކުރިކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށާއި ދައުވާ އުފުލާ ފަރާތައް އެކަށޭނަ އުސޫލުތަކެއް ހަމަނު ޖެހޭ ކަމަށެވެ.

ދާދިފަހަކުން ގާނޫނު އުގޫބާތު ފާސްކޮށްފައިވާ އިރު އޭގައި ހުރި ދެކޮޅުނު ޖެހޭ ގާނޫނުތައް ހުރުމުން އެގާނޫނުތައް އިސްހާލު ކުރަން ޖެހޭ އިރު އެކަންކަން ނުވާ ކަމަށް ވެސް ޝާހް ވިދާޅުވި އެވެ. އޭނާ ފާހަގަކުރައްވާ ގޮތުގައި ރާއްޖޭގައި ގާނޫނުތައް މިހާރު ހުރިގޮތުން ހަތަރު ފަސް ގާނޫނުން އެއް ކުށަކަށް އަދަބު ދޭން ޖެހެ އެވެ.

އެ ގާނޫނު ފާސްނުވެ އޮތް ސަބަބާ ގުޅޭ ގޮތުން މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ ހެއްކާ ބެހޭ ބިލަކީ މުހިންމު ދިރާސާތަކެއް ބޭނުންވާ ބިލެއް ކަމަށާއި އެއާ ގުޅުން ހުރި ބިލްތައް ނިންމަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ނިހާން ޕީޕީއެމް އޮފީހަށް ވަންނަވަނީ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

"ޖިނާއީ އިޖުރާތު މިވަނީ ނިމިފައި، ޕީނަލްކޯޑަށް އަމަލު ކުރަމުން މިދަނީ، ދެން މަދަނީ އިޖުރާތު ކަނޑައަޅާ އުސޫލުން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތައް ނިންމަންޖެހޭނީ،" ނިހާން ވިދާޅުވި އެވެ.

ގާނޫނު އުގޫބާތުގައި ފުށުއެރުން ފަދަ ކަންކަން ހުރި އިރު އެކަންކަން ބަންޑާރަ ނައިބު އޮފީހުން ދަނީ ދިރާސާ ކުރަމުން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އާންމު ރައްކާތެރިކަމަށް ގާނޫނެއް ނެތް!

ސުލްހަ މަސްލަސްކަން ގާއިމްކުރެވިފައިވާ ގައުމުތަކުގައި އޮންނަ ފަދައިން މިގައުމުގައި ވެސް ސޯސަލް ސެކިއުރިޓީ ގާނޫނެއް އޮންނަން ޖެހެ އެވެ. ސަރުކާރުން ހިލޭ ބޭސް ފަރުވާދޭ ނިޒާމާއި ދުވަސްވީ މީހުންނަށް އިނާޔަތްދޭނެ އުސޫލުތައް ފަދަ އުސޫލްތައް ހަރުދަނާކޮށް ހަމަޖައްސަންވާނީ އެ އުސޫލުގެ ތެރެއިންނެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން އެކަށޭނަ ގާނޫނެއް އޮންނަން ޖެހެ އެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ގާނޫނެއް ވެސް ނެތެވެ.

ގައުމީ އިނާމް ހާސިލް ކުރައްވާފައިވާ ޑިސެބިލިޓީ އެމްބެސަޑަރު އަހުމަދު ހިޝާން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރު ކުރާ ގާނޫނެއް ރާއްޖޭގައި ނެތް އިރު އެ ހައްގުތައް ލިބޭތޯ ޔަގީން ކުރުމަށް އެއީ މިހާރުން މިހާރަށް އަންނަން ޖެހޭ ގާނޫނެއް ކަމަށެވެ.

"ގާނޫނަކީ ޒަމާނާއި ދުވަސްވަރާއި އެ އަންނަ ތަރައްގީއާ އެކު ބަދަލު ގެންނަ އެއްޗެއް، އެކަމަކު ފަހަކުން އައިސް އެއަށް ބަދަލެއް ގެނެސްފައެއްނެތް، ދުވަސްވީ މީހުންގެ ގާނޫނެއް ނެތް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގާނޫނު ތަންފީޒު ވަނީ ކިހާވަރަކަށްތޯ މަޖިލީހުން ބެލިތަ؟" ހިޝާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެހީތައް ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށާއި ބައެއް ފަރާތްތަކުން ހުށައަޅާ ވަކިވަކި ބިލްތައް ބާއްވާފައި ވަނީ ސަރުކާރުން ފޮނުވަންދެން ކަމަށް ނިހާން ވިދާޅުވި އެވެ.

"ގާނޫނަކުން ބަދަލު ގެންނަން ޖެހޭ ހަމަތަކާ ހަމައަށް ދިޔާމަ ނޫނީ އެ މަސައްކަތާއި ތަރުތީބުވީމާ ސަރުކާރުން ފޮނުއްވާނެ، އަޅުގަނޑުމެން އުންމީދުކޮށްގެން މިތިބެނީ ސޯޝަލް ޕްރޮޑަކްޝަން ހުރިހާ ބަދަލުތައް ސަރުކާރުން ލަސްތަކެއްނުވެ ގެންނަވާނެ ކަމަށް،" ނިހާން ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އާންމުންނާ ގުޅުން ހުރި ގާނޫނުތައް ނެތެވެ. އެގޮތުން މަސްވެރިންގެ ހައްގުތައް ހިމާޔަތް ކުރަން ވެސް އެއްވެސް ގާނޫނެއްނެތެވެ. އެމީހުންގެ ވަޒީފާގެ ބަޔާނާއި ވަޒީފާ ރައްކާތެރި ކުރެވޭނެ އުސޫލުތަކެއް ވެސް ނޯވެ އެވެ. މިދައްކަނީ ދިވެހިންގެ ލޭނާރުގެ ގާނޫނެއް ނެތްތަނެވެ. ދިވެހި ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަހައްދަކަށް ނިސްބަތްވާ ގައުމަކަށްވާ އިރު ކަނޑުގެ ސަރަހައްދު ރައްކާތެރި ކުރަން ވެސް ހަރުދަނާ ގާނޫނެއް ނެތެވެ.

ކޮރަޕްޝަން ހުއްޓުވާނެ އެކަށޭނަ ގާނޫނެއްނެތް!

ނަހަމަ ގޮތުގައި ފައިސާ ހޯދައިގެން މުއްސަދިވުން މިރާއްޖޭގައި އިތުރުވަމުންދާ އިރު އެކަންކަންބެލޭނެ އެކަށޭނަ ގޮތްތަކެއްނެތެވެ. ދުނިޔޭގެ އެހެންގައުމުތަކުގައި އެގޮތަށް މުއްސަދިވާ ފަރާތްތަކުން އެ ފައިސާ ހޯދި ގޮތަކާ މެދު ނުވަތަ އެ އަގުބޮޑު މުދާ ހޯދި ގޮތަކާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކަށް އިސްވެ ސުވާލު އުފައްދަ އެވެ. ނަމަވެސް ރާއްޖޭގައި އެކަން އޮތީ ދިމާ އިދިކޮޅަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ކޮރަޕްޝަނާއި ނަހަމަ މުއްސަނދިކަން ނުހުއްޓުވިގެން އުޅެނީ ގާނޫނެއް ނެތިގެން ކަމަށެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި އެގޮތަށް ނުހައްގުން މުއްސަނދިވާ މީހުން އެ މީހުން އެ ފައިސާ ހޯދި ގޮތް ސާބިތުކޮށްދޭން ޖެހޭ އިރު ރާއްޖޭގައި އެކަން އޮތީ އަނެއްކޮޅަށް ކަމަށް ލުތުފީ ވިދާޅުވި އެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ-- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިިސް މެމްބަރުންނާ ދޭތެރޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރާ އިރު، ކޮރަޕްޝަން ހުއްޓުވުމަށް ހަދަން ޖެހޭ ގާނޫނުތައް އެބޭފުޅުން ހަދާނެ ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވީ އެފަދަ ބިލެއް މަޖިލީހާ ހަމައަށް ނާންނަ ކަމަށެވެ. އެފަދަ ބިލެއް ފާސްނުވެގެން އޭސީސީ އިން ހުށައަޅާފައި ވެސް ނުވާ ކަމަށާއި ނަމަވެސް ބަންޑާރަ ނާއިބާ ހަމައަށް އެފަދަ ބިލެއް ހުށައަޅާފައި އޮވެދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.

ރައްޔިތުންގެ ފައިސާ އިން ބޮޑެތި ވައްކަންތައްކޮށް، ނަހަމަ ފައިސާ ބޭނުން ކުރާ މުޖުރިމުން ހުއްޓުވަން ބޭނުން ނަމަ މިކަން ކުރާނެ ގާނޫނެއް ހަދަން ޖެހެ އެވެ. ނަމަވެސް އެކަމަށް ބޮޑެތި ހުރަސްތަކެއް މިވަނީ އެޅިފަ އެވެ. އެންމެ ބޮޑު ހުރަހަކީ ގާނޫނެއް ނުހެދި ދިގުދެމިގެން ދިއުމެވެ.

މަޖިލިސް ޒިންމާދާރު ވާން ޖެހޭ!

ދައުލަތުން ބޮޑު ހޭދައެއް ކުރާ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ޓަކައި ހަދަން ޖެހޭ މުހިންމު ގާނޫނުތައް ނުހެދި ހުރި އިރު ކުރާނެ މަސައްކަތެއް ނެތިގެން މަޖިލިސް މެދުކަނޑާލާ ދުވަސްތައް މަދެއްނޫނެެވެ. ސަރުކާރުން ހުށައަޅާ އެސްއީޒެޑް ގާނޫނު ނުވަތަ ރާއްޖޭގެ ބިންތައް ބޭރު ފަރާތްތަކަށް މިލްކުކުރެވޭ ފަދަ ގާނޫނުތައް ފާސްކުރަން ހުންނަ ފޯރި މުހިންމު އެހެން ގާނޫނުތައް ހަދަން ވެސް ނުހުންނަން ޖެހެ އެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން:-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިހުލާސްތެރިކަމާ އެކު މަސައްކަތްކުރާނެ މެމްބަރުންތަކެއް ބޭއްތިއްބުމުގެ ޒިންމާ ރައްޔިތުން ނަގަން ޖެހެ އެވެ. ތިމާ ލާ ވޯޓަކީ އަޑުގަދަ މީހާ ނުވަތަ ފައިސާދޭ މީހާއަށް ލާ ވޯޓެއްގެ ބަދަލުގައި އިހުލާސްތެރި މެމްބަރަކަށް ލާ ވޯޓަކަށް ހަދަން ޖެހެ އެވެ.