08 Aug 2016, 00:38
އުރީދީ ދިވެހި ޕްރިމިއާ ލީގުގައި އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބު ކުރި ގޯލާއެކު 2-0ގެ ނަތީޖާ އަކުން ނިއު ރޭޑިއަންޓްގެ މައްޗަށް ކުރި ހޯދައިގެން މާޒިޔާ ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
މިރޭގެ މެޗަށް ނިކުތް އިރު ލީގުގެ އެއް ވަނާގައި 23 ޕޮއިންޓާއެކު އޮތީ ކްލަބު އީގަލްސް އެވެ. ނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށް 24 ޕޮއިންޓާއެކު މާޒިޔާ ވަނީ އަލުން އެއް ވަނަ އަށް ޖެހިލާފައެވެ. މިރޭގެ މެޗުން ބަލިވި ނިއު އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައިގައެވެ.
މިރޭގެ މެޗު ފެށިގެން ނިއުގެ އަހުމަދު ނިޔާޒު (ނިޔާ) މާޒިޔާގެ ގޯލަށް ރަނގަޅު ހަމަލާއެއް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާއި އަމާޒް ނުވެ ހުރަސް ދަނޑި މަތިންނެވެ. އޭގެ މިނެޓެއް ފަހުން ދަގަނޑޭ ވަނީ ނިއުގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ނަމަވެސް އެ ބޯޅައިގެ ހުރަހަކަށްވީ ނިއުގެ ބިދޭސީ ކީޕަރެވެ.
އެ މެޗުގައި މާޒިޔާއަށް ލީޑު ލިބިގެން ދިޔައީ މެޗުގެ 21 ވަނަ މިނެޓްގައި ހުސެން ނިޔާޒް (ބޮކްރީ) ނަގައިދިން ހުރަހެއް އަސައްކޮ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މާޒިޔާގެ ގޯލަށް ފަހު ނިއުގެ ބިދޭސީ ފޯވާޑް އެޑިސް ސަހިލް އަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. މާޒިޔާގެ ގޯލު ކުރި މައްޗަށް ހުރަސް ކޮށްލި ބޯޅަ ނިޔާ ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލަށް އަމާޒް ނުވެ އަރިމަތީ ދަނޑި ކައިރިންނެވެ.
މާޒިޔާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި އެ ޓީމުގެ ދެވަނަ ގޯލު 49 ވަނަ މިނެޓުގައި ދަގަނޑޭ ކާމިޔާބު ކުރީ ނިއުގެ ޑިފެންސުން ހެދި ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. އެގޮތުން ނިއުގެ މުހައްމަދު ކަރަމް ބޮލުން ފަހަތަށް ޖައްސާލި ބޯޅަ، އެވަގުތު ހުސްކޮށް ހުރި ދަގަނޑޭ އަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. ދަގަނޑޭގެ އެ ގޯލަކީ މި ސީޒަނުގެ ނިޔަލަށް މާޒިޔާއާ އަލަށް ގުޅި އޭނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލެވެ.
މާޒިޔާ އިން އެ މެޗު ނިންމާލީ 10 ކުޅުންތެރިންނާއި އެކުއެވެ. އެއީ ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުއިން އަހުމަދު ނާޝިދު (ނައްޓޭ) ބޯޅަ ނެތިސް ނިއުގެ ނިޔާއަށް ކުރި ފައުލަކާ ގުޅިގެން އޭނާ އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކުމުންނެވެ.
ލީގުގައި މާދަމާ ވެސް ދެމުޗު ކުޅުމަށް ވަނީ ތާވަލް ކޮށްފައެވެ. ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. މާދަމާ ރޭ ޔުނައިޓެޑް ވިކްޓަރީ ނުކުންނަނީ ބީޖީ ސްޕޯޓްސްއާ ދެކޮޅަށެވެ.