ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާން އާއި ކާޖޮލް އަކީ މިއަދާ ހަމައަށް ވެސް އެންމެ ގިނަ ބަޔަކު ލޯބިކުރާ ޖޯޑެވެ. ކެމެރާގެ ކުރިމަތީގައި ޝާހު އަދި ކާޖޮލް ދައްކާ "ކެމިސްޓްރީ" އެހެން ޖޯޑަކަށް ނުދެއްކޭ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

ޝާހު އަދި ކާޖޮލް އެކުގައި ކާމިޔާބު ފިލްމުތަކެއް ކުޅެފައި ވާއިރު، ދެމީހުން އެކުގައި ފެންނަން އަދިވެސް ގިނަ ބަޔަކު ބޭނުންވެއެވެ. "ބާޒިގަރު"، "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ"، "ކުޗް ކުޗް ހޯތާހޭ" އަދި "ކަބީ ހުށީ ކަބީ ގަމް" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައި ވާއިރު ދެ މީހުންގެ ޖޯޑު ވަރަށް ގުޅެއެވެ.

ދެމީހުން އެކުގައި ކުޅުނު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއެންގޭ" ފިލްމުގެ ޕޯސްޓަރެއް. އެ ފިލްމަކީ ދެމީހުންގެ ޖޯޑަށް އެންމެ ގިނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމު ---

ޝާހު އަދި ކާޖޮލް އެކުގައި އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ނުކުތް ފިލްމު، "ދިލްވާލޭ" އިންނެވެ. ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް ޝާހު އަދި ކާޖޮލް އެކުގައި ފެނުމުން ގިނަ ބަޔަކު ތިބީ ހިތްހަމަޖެހިގެންނެވެ. ގިނަ އަހަރު ތަކަކަށް ފަހު ދެމީހުން އެކުގައި ފެނުނު ނަމަވެސް، ކެމެރާ ކުރިމަތީގައި ދެމީހުންގެ ކެމިސްޓްރީއަށް އެއްވެސް ބަދަލެއް އައިސްފަ އެއް ނުވެއެވެ.

ކެމެރާގެ ކުރިމަތީގައި ދެ މީހުންގެ ކެމިސްޓްރީ ކިތަންމެ ރަނގަޅު ނަމަވެސް، ދެމީހުންގެ އެކުވެރިކަން ފުރަތަމަ ފެށިގެން އައީ ކިހިނެތް ކަން އެނގޭ ހެއްޔެވެ؟ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ ފިލްމު "ބާޒިގަރް" ގެ ޝޫޓިންގގެ ތެރޭންނެވެ. ފުރަތަމަ ބައްދަލުވުމާ އެކު، ކާޖޮލް އަކީ އެއްގޮތަކަށް ވެސް ކަމުދާ މީހެއް ނޫން ކަމަށް ޝާހު ގަބޫލު ކުރިއެވެ.

ޝާހު އާއި ކާޖޮލް އެންމެ ފަހުން އެކުގައި ފެނިގެން ދިޔަ ފިލްމު "ދިލްވާލޭ" ގެ ޕޯސްޓަރެއް --

"ކާޖޮލް އާއެކު ބާޒިގަރް ގައި މަސައްކަތް ކުރި އިރު، އާމިރު އަހަރެން ގާތު އެހި ކާޖޮލްގެ ވާހަކަ. އާމިރު ހުރީ ކާޖޮލް އާއެކު މަސައްކަތް ކުރަން ބޭނުންވެފައި. އަހަރެން އާމިރު ގާތު ބުނީ ކާޖޮލް އަކީ އެއްގޮތަކަށް ވެސް ކަމުދާ މީހެއް ނޫން ކަމަށް. އަދި މަސައްކަތަށް އެއްވެސް ކަހަލަ ފޯކަސް އެއް ނުހުންނަ ކަމަށާއި ކާޖޮލް އާއެކު މަސައްކަތް ނުކުރެވޭނެ ކަމަށް،" ދެމީހުންގެ ގުޅުން ފެށިގެން އައި ގޮތް ކިޔައިދެމުން ޝާހު ބުނެފައިވެއެވެ.

ނަމަވެސް ޝޫޓިން ފެށުމާ އެކު ކާޖޮލް އަކީ އާދައިގެ އެކްޓަރަކަށް ނުވާނެކަން އެނގުނުކަމަށް ޝާހު ބުންޏެވެ.

"އަހަރެން އަވަހަށް އާމިރު އަށް ގުޅާފައި ބުނިން ކާޖޮލް އަކީ ކެމެރާގެ ކުރިމަތީގައި ޖާދޫއެއް ފަދަ މީހެއް ކަމަށް،" ޝާހު ބުންޏެވެ.

"ކަބީ ޚުޝީ ކަބީ ގަމް" ގެ މަންޒަރެއްގައި ޝާހު އަދި ކާޖޮލް --

ދެމީހުންގެ އެކުވެރިކަން ފެށިގެން އައި ގޮތް ކިޔައިދެމުން ކާޖޮލް ވެސް ބުނީ، ދެމީހުން ދިމާވީ "ބާޒިގަރް" ގެ ސެޓުން ކަމަށެވެ. އަދި ފުރަތަމަ ބައްދަލުވި ދުވަހު އޭނާ ހުރީ ޝާހުގެ މޭކަޕް އާޓިސްޓާ ވާހަކަ ދައްކަން ކަމަށާއި، ޝާހު އެންމެ ފުރަތަމަ ވެސް ކާޖޮލް އަށް އެންގީ ވާހަކަ ދެއްކުން ހުއްޓާލަން ކަމަށެވެ.

ކާޖޮލް އަކީ ވަރަށް އަނގަގަދަ މީހެއްކަން ފާހަގަ ކުރަމުން ޝާހު ބުނީ، މިހާރު ވެސް ކާޖޮލް ވާހަކަ ދެއްކުން ހުއްޓާނުލާތީ، ވާހަކަ ދެއްކުން ހުއްޓާލަން ބުނަން ޖެހޭ ކަމަށެވެ.

ދެމީހުން އެކުގައި ފުރަތަމަ ފެނުނީ މީގެ 22 އަހަރު ކުރިންނެވެ. ފާއިތުވި އަހަރުތަކުގައި ދެމީހުންނަށް އައިސްފައި ވަނީ ކޮން ކަހަލަ ބަދަލެއްތޯ ސުވާލު ކުރުމުން ކާޖޮލް ބުނީ، ދެމީހުންނަކީ ވަރަށް ގާތް އެކުވެރިން ކަމަށާއި އެކްޓަރުންގެ ގޮތުގައި ދެމީހުން ވެސް ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

"ޝާހު އާއެކު މަސައްކަތް ކުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ކާޖޮލް ބުނެފައިވެއެވެ.

ކާޖޮލް އަދި ޝާހު: ބޮލީވުޑްގެ އެންމެ ގުޅޭ ޖޯޑު ކަމަށް ގިނަ ބަޔަކު އިއްތިފާގުވޭ ---

ޝާހު ބުނީ ކާޖޮލް އަކީ މޮޅު އެކްޓަރެއްގެ އިތުރުން ވަރަށް ތެދުވެރި މީހެއް ކަމަށެވެ. އެއީ ކޮންމެ އެކްޓަރެއްގެ ގައިގައި ވެސް ހުންނަން ޖެހޭ ސިފައެއް ކަމަށާއި، ކާޖޮލް އަކީ ޝާހުގެ އަންހެން ދަރިފުޅަށް ނަމޫނާއެއް ކަމަށް ވެސް ޝާހު ވަނީ ބުނެފައެވެ.

"އަހަރެންގެ ދަރިފުޅު ސުހާނާ ވެސް ބޭނުން ވަނީ ފިލްމީ ދާއިރާ އަށް ނުކުންނަން. އަހަރެން ބޭނުން ކާޖޮލްގެ އެ ސިފަ ސުހާނާ ވެސް ދަސްކުރަން،" ޝާހު ބުންޏެވެ.