ޕީޕީއެމްގެ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހިޔާލުފުޅުތައް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ބަލައިގަންނަ ކަމަށާއި ނަމަވެސް ޕާލަމެންޓްރީ ގްރޫޕުގެ 98 ޕަސެންޓް މެމްބަރުން ބިލަށް ތާއިދު ކުރައްވާ ކަމަށް އެ ޕާޓީގެ، ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ޚިޔާލުފާޅުކުރުން ހަނިކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު މިހާރު އޮތް ގޮތަށް ފާސްކުރަން ވޯޓު ނުދިނުމަށް ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އެ ޕާޓީގެ ރައީސް މައުމޫން މިއަދު ވަނީ އެދިވަޑައިގެންފައެވެ.

އެކަމާ ގުޅިގެން އަމަލު ކުރާނެ ގޮތަކާ ގުޅޭ ގޮތުން ސަން"އިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން މިރޭ ވިދާޅުވީ އެ ބިލަށް ވޯޓް ދޭނެ ގޮތެއް އަދި ނުނިންމާ ކަމަށާއި ނަމަވެސް ޕާލަމެންޓްރީ ގުރޫޕުގެ 98 ޕަސެންޓް މެމްބަރުން އެކަމަށް ތާއީދު ކުރައްވާ ކަމަށެވެ.

"އެމަނިކުފާނުގެ ހިޔާލަކީ އަޅުގަނޑުމެން އަބަދުވެސް ބަލައިގަންނަ ހިޔާލުތައް، ޕާލަމެންޓްރީ ގުރޫޕުގެ ކަންތައްތައް ނިންމަނީކީއެއް ވަކިވަކި މެމްބަރުންނެއް ނޫން، ޕާލަމެންޓްރީ ގުރޫޕުގެ ނިންމުންތައް އޮންނާނީ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންގެ މެޖޯރިޓީއަށް،" ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް މެމްބަރުންގެ ތެރެއިން ސީދާ އެބިލަށް ދެކޮޅު ހައްދަވަނީ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއެވެ.

ހިޔާލުފާޅުކުރުން ހަނިވާ ގޮތަށް ހުށަހަޅާފައިވާ އަބުރާ ބެހުމުގެ ބިލުގައި މީހެއްގެ އަބުރާ ބެހިއްޖެނަމަ 50،000 ރުފިޔާ އިން 2،000،000 މިލިއަން ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. އެ އަދަދުން ކުރެވޭ ޖޫރިމަނާ ރާއްޖޭގެ ކަމާބެހޭ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. ނަމަވެސް އިސްތިއުނާފު ކުރެވެނީ ޖޫރިމަނާއެއްގެ ގޮތުގައި ދައްކަން ޖެހޭ މިންވަރު ދެއްކުމަށް ފަހު އެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހި ނުވަތަ އެފަދަ ލިޔުމެއް ޝާއިއުކޮށްފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ނުދެއްކުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިގެންދެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެ މީހަކާ މެދު ޖިނާއީ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ހުށަހެޅިގެންދާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި ޕީޖީން އެ މައްސަލާގައި ދައުވާ ކުރަން ހުށަހެޅުމުން ކޯޓުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާ ފައިސާ ދައްކަން ޖެހެ އެވެ. އަދި އެ ފައިސާ ނުދައްކައިފިނަމަ މީހެއް އަބުރާ ބެހުނު މީހެއް ނުވަތަ އެފަދަ ލިޔުމެއް ޝާއިއު ކުރި ރިޕޯޓަރެއް ތިން މަހާއި ހަމަހުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށް ޖައުފަރު ހުށަހެޅުއްވި އަބުރާ ބެހުމުގެ ބިލުގައި ބުނެފައިވެ އެވެ. އަދި އެ މައްސަލަ މީހަކަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި އިސްތިއުނާފު ކުރެވެނީ ވެސް ޖޫރިމަނާ ދެއްކުމުން ނެވެ.