07 Aug 2016, 21:12
ތ. ވިލުފުށީގައި ހުންނަ ޕީޕީއެމްގެ ޖަގަހައެއްގައި އަލިފާން ރޯވެ، އަނދައިފި އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެ އެވެ.
އެ ރަށު ކައުންސިލް ރައީސް އިބްރާހިމް ޝާފިއު މިއަދު "ސަން"އަށް ވިދާޅުވީ މިރޭ 8:30 ކަންހާއިރު ހިނގި އެ އަލިފާނުގެ ހާދިސާގައި 1000 އަކަފޫޓުގެ ޖަގަހަ އެއްކޮށް އަނދައި ހުލިވެފައިވާ ކަމަށެވެ.
ބޭރުފާރު ރާނާފައި އަދި ބޮޑުބައި ޓިނުން ހަދާފައިވާ އެޖަގަހާގެ ތެރޭގައި ހުރި ތަކެތިވެސް އަނދައި ހުލިވެފައިވާ ކަމަށާއި ނަމަވެސް ލިބުނީ ކިހާ އަދަދެއްގެ ގެއްލުމެއްކަން ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލިފާން ރޯވި ސަބަބެއް ނޭނގޭ ކަމަށާއި ފުލުހުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.