މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ދެ މީހަކު ހަތް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލާގައި ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި ދެ މީހުންނަކީ ސ. ހުޅުދޫ، އޮސްޓްރޭލިއާ އިބްރާހީމް އިބާދު އާއި ގ. ފްރެސްލައިޓް އިބްރާހީމް ރަޝީދެވެ.

ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުގެ ރޭ 10:00 އާއި 10:30އާ ދެމެދުގެ ވަގުތެއްގައި ޕޮލިސް ސާޖަންޓު އަބްދުއްރަހުމާން ހުސައިން ޗާންދަނީމަގުން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށް މުޒާހަރާގެ ބައިވެރިއަކު އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.

އޭނާ ބިންމައްޗަށް ވައްޓާލުމުން އިބާދު ފުލުސް މީހާގެ އަތުގައި އޮތް މުގުރުބުރި ގަދަކަމުން އަތުލުމަށްފަހު އެމުގުރުން އޭނާގެ ގައިގައި ޖަހާފައިވާކަން ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އިބްރާހީމް ރަޝީދުގެ އަތުގައި އޮތް ކޯނަކުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާކަން ވެސް ހެކީންގެ ހެކިބަހުން ސާބިތުވާ ކަމަށް އެ ހުކުމްގައިވެއެވެ. ނަމަވެސް އެ މައްސަލާގައި ދައުވާކުރި ސ. ހުޅުދޫ، އިތުވައި އަހުމަދު އުނައިސްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވެސް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ފުލުސް މީހާ އަށް ހަމަލާދިންކަން ސާބިތުވެ މީގެކުރިން ވެސް ގިނަ ބައެއްގެ މައްޗަށް ވަނީ ޖަލު ހުކުމްތަކެއް އިއްވާފައެެވެ.