އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ފަސޭހަކަމާއެކު ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް، ކްލަބު އީގަލްސް ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ދެވަނަ ބުރުގެ މެޗުގައި ވިކްޓަރީގެ މައްޗަށް އީގަލްސް ކުރި ހޯދީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އޯގަސްޓް 7، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ނަތީޖާއާއެކު ކުޅުނު 11 މެޗުން ލިބުނު 23 ޕޮއިންޓާއެކު ލީގުގެ އެއް ވަނައިގައި އީގަލްސް އޮތް އިރު، މިއަދުގެ މެޗުން ބަލިވި ވިކްޓަރީ އޮތީ ކުޅުނު 11 މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ. ލީގުގެ ދެވަނާގައި އޮތް މާޒިޔާ އަށް ކުޅުނު ދިހަ މެޗުން 21 ޕޮއިންޓް ލިބިފައިވާ އިރު، ތިން ވަނާގައި އޮތް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ދިހަ މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

މެޗުގެ 18 ވަނަ މިނެޓުގައި އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އީގަލްސް އަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު ސެޑިކް އުފެއްދި ހަމަލާ، ވިކްޓަރީގެ ކީޕަރު ހަސަން ތޮލާލް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗުގެ 28 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ސެޑިކް ނަގައިދިން ހުރަހަކުން އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދާދިފަހުން އެ ޓީމާ ގުޅުނު ބިދޭސީ ފޯވަޑް ރިސްޓޭ ނައުމޯވް އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އޯގަސްޓް 7، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި އީގަލްސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސެޑިކް އެވެ. ސެޑިކް އަށް ލިބުނު ބޯޅަ ހިފައިގެން ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި އެއް މިނެޓު ތެރޭގައި ވެސް އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ރިސްޓޭ ފޮނުވާލި އެ ހަމަލާ އަމާޒުވެފައިވަނީ ވިކްޓަރީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0 ލަނޑުން އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިތާ މިނެޓެއް ނުވަނީސް އީގަލްސް އިން ވަނީ އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ. އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސެޑިކް އެވެ. ސެޑިކް އެ ލަނޑު ކާމިޔާބުކުރީ އޭނާ އަށް ލިބުނު ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާއަކުންނެވެ.

އޯގަސްޓް 7، 2016: އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ 72 ވަނަ މިނެޓުގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ފެނިގެންދިޔަ އެވެ. ހަމްދާން އިބްރާހިމް ނަގައިދިން ހުރަހަކުން އީގަލްސް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިބުކޮށްދިން ރިސްޓޭ އެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ވިކްޓަރީ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ބޮލުން އުފެއްދި ހަމަލާއަކުންނެވެ.

އެ ލަނޑަށްފަހު ވެސް އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން އީގަލްސްގެ ރިސްޓޭ އާއި ސެޑިކް އަށް ހެޓްރިކް ފުރިހަމަކުރުމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ލީގުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ މާޒިޔާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. އެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް އަލުން ލީގުގެ އެއްވަނަ ލިބިގެންދާނެ އެވެ.