07 Aug 2016, 17:50
ރައްޔިތުންގެ މަޖިިސް މެމްބަރުންނާއި ދޭތެރޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރާއިރު، ކޮރަޕްޝަން ހުއްޓުވުމަށް ހަދަން ޖެހޭ ގާނޫނުތައް އެބޭފުޅުން ހަދާނެ ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ބުނެފިއެވެ.
ކޮރަޕްޝަން ހުއްޓުވުމަށް ބޭނުންވާ ގާނޫނުތައް ނުހެދޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭސީސީގެ ރައީސް ހަސަން ލުތުފީ "ސަން"އަށް ވިދާޅުވީ އެ ކޮމިޝަން ފެށުނީއްސުރެ ކޮމިޝަންގެ ގާނޫނަށް އެތައް ފަހަރަކު އިސްލާހު ހުށަހެޅި ކަމަށާއި ނަމަވެސް އެކަންވެފައިނުވާ ކަމަށެވެ. މަޖިލިސް މެމްބަރުން އެކަން ކުރާނެކަމަށް ލުތުފީ ގަބޫލް ނުކުރައްވައެވެ.
"މަލިޖިސް މެމްބަރުންގެ ތެރޭގައި [ކޮރަޕްޝަން] އޮތީ، އެއީ ގާނޫނު ހަދަން ތިބި މީހުން، އެމީހުން ގާނޫނެއް ނަހަދާނެތާ،" އޭސީސީގެ ރައީސް ވިދާޅުވިއެވެ.
ފާއިތުވި ދެ ވެރިކަމަށްބަލާއިރު ވެސް ސަރުކާރު ހިންގަން ދަތިވާ ވަރަށް މަޖިލިސް މެމްބަރުންގެ "އުނދަގޫ" ބޮޑުވެފައިވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ-- ސަން ފައިލް ފޮޓޯ
"ސަރުކާރުގެ ވެރިއަކަށް ހުންނަ މީހާ ސަރުކާރުން ހިންގަން އުނދަގޫވާ ވަރަށް މަޖިލިސް މެމްބަރުންގެ ނުފޫޒު ރާއްޖޭގައި ގަދަ، ހަގީގަތަކީ އެއީ، އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވެ ފޮތްތަކުގައި މިކިޔަވައި ދޭ އެއްޗެއް ނޫން މި ޕުރެކްޓިސް ކުރަނީ،" ލުތުފީ ވިދާޅުވި އެވެ.
ލުތުފީ ގަބޫލް ކުރައްވާ ގޮތުގައި މަޖިލިސް ރަނގަޅު ކުރުމުގެ ޒިންމާ ރައްޔިތުން ނަގަންޖެހޭ ކަމަށާއި އެގޮތުން މެމްބަރުން ހޮވުމަށް ވޯޓްދޭއިރު އެމީހުންގެ ފަސްބައި ބަލައި ޒިންމާދާރު ކުރުވަންޖެހޭ ކަމަށް ލުތުފީ ވިދާޅުވި އެވެ.