07 Aug 2016, 16:49
ސްކޯޕިއާ(އޮގަސްޓް 7): މެސަޑޯނިއާއަށް ރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެގައުމުގެ ވެރި ރަށް ސްކޯޕިއާގައި ފެންބޮޑުވެ 15 މީހަކު މަރުވެއްޖެ އެވެ.
ސްކޯޕިއާގެ އޮފިޝަލުން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 15 މީހަކު މަރުވުމުގެ އިތުރުން ހަ މީހަކު ގެއްލިި، 22 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައި ވަނީ އެމީހުން ތިބި ކާރު ފެންގަނޑެއް ތެރެއަށް ވެއްޓި، ކާރު ތެރޭގައި ކަމަށް އޮފިޝަލުން ބުންޏެވެ.
ބައެއް ސަރަހައްދުތަކުގައި 1.5 މީޓަރަށް އުފުލިފައިވާ ފެންގަނޑުން މީހުން ސަލާމަތް ކުރުމަށް މެސަޑޯނިއާގެ އަސްކަރިއްޔާއިން ހަރަކާތްތެރި ވަމުންދާ އިރު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ގައުމުގެ އިރުއުތުރުގައި އޮންނަ ތިން އަވަށަކާ ގުޅުން ކެނޑިފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
މެސަޑޯނިއާއަށް މިއަދު އިތުރަށް ވާރޭ ވެހޭނެ ކަމަށް ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ލަފާ ކުރެ އެވެ. (ބީބީސީ)