07 Aug 2016, 16:42
ލ. އަތޮޅު ގަމުން ގޯތި ދޫކުރާނީ ސަރުކާރުގެ ހުއްދަ ލިބުމުން ކަމަށް ގަމު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީގެ ހުއްދަ ނުހޯދައި ގަމުން ބަންޑާރަ ގޯތި ދޫކުރުމަށް ކުރާ މަސައްކަތް މަޑުޖައްސާލުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ގަމު ކައުންސިލަށް އަންގާފައި ވަނިކޮށް، ސަރުކާރުން ހުއްދަ ނުދިނަސް ގޯތި ދޫކުރާނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް މިހާރު ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ސަރުކާރުން އެކަމުގެ ހުއްދަ ލިބުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މިއަދު 'ސަން' އާ ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ސަރުކާރާ ވާހަކަ ދައްކައިގެން ގަމުން ގޯތި ދޫކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ސަރުކާރުގެ އެއްބާރުލުން އެކަމުގައި ލިބޭ ކަމަށާއި، ގޯތި ދޫކުރުމުގެ ހުއްދަ ހޯދުމަށް އެލްޖީއޭ އާއި ހައުސިން މިނިސްޓްރީ އާ މަޝްވަރާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ހަމަ ވަރަށް ޕޮޒިޓިވްކޮށް އޮތީ. އެހެން ކަމުން އެކަން ކުރާނީ (ގޯތި ދޫކުރާނީ) ސަރުކާރުގެ ހުއްދަލިބިގެން،" ގަމު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، ސަރުކާރުން ހުއްދަ ލިބުނުހާ އަވަހަކަށް ގޯތި ދޫޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އުއްމީދަކީ މިއަހަރު ނިމެންވާއިރަށް ގޯތި ދޫކުރެވުން ކަމަށެވެ.
މި އަހަރު ގަމުން ގޯތި ދޫކުރުމަށް އިއުލާން ކުރުމުން ގަމުގެ ގިނަ ރައްޔިތުން ވަނީ ގޯއްޗަށް އެދި އެކައުންސިލަށް ފޯމް ހުށަހަޅައިފައެެވެ. ނަމަވެސް ސަރުކާރުން އެކަން މަޑު ޖައްސާލުމަށް ގަމު ކައުންސިލަށް އެންގުމުން ރައްޔިތުންވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.