26 May 2011, 18:31
އައިއެމްއެފްގެ އައު ޕެކޭޖްގެ ދަށުން މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީ އަށް ބޮޑަތި ބަދަލުތަކެއް ކުރިއަށް އޮތް ހަފްތާގައި ގެންނަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވެއްޖެ އެވެ.
އައިއެމްއެފްގެ ރިވިއު މިޝަންގެ ބޭފުޅުން، މި މަހުގެ 10އިން 24 އަށް ރާއްޖެ އަށް ކުރި ޒިޔާރަތުގައި ރާއްޖެ އަލުން އައިއެމްއެފްގެ އައު ޕެކޭޖެއްގައި ބައިވެރިކުރުމަށް ސްޓާފް ލެވަލްގައި އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރާއި އަދި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައުލޫމާތު ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އާއި އަދި އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބު ނޫސްވެރިންނާ ހިއްސާ ކުރެއްވި އެވެ.
"މި އައު ޕެކޭޖަކީ ކުރީގެ ޕެކޭޖާ ހިލާފަށް މިއީ ދޫކުރެވިފައިވާ ތަންކޮޅެއް ރިލެކްސް އެހެނަސް އަމަލީ ޕެކޭޖެއް. އެބޭފުޅުން ލަފާދެއްވައިފައި އެބައޮތް ސަރުކާރުގެ ފިޒްކަލް ޕޮލިސީ އާއި އަދި އެމްއެމްއޭ އިން މަނިޓަރީ ޕޮލިސީ އަށް ގެންނަން ޖެހޭ ބަދަލުތަކެއް. އެ ބަދަލުތައް އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާތަކުގައި އެޅުމުގެ މަސައްކަތް ފަށާނަންނަ،" އިނާޒް ވިދާޅުވި އެވެ.
އައިއެމްއެފްގެ ޕެކޭޗްގެ ދަށުން ފިޒްކަލް ޕޮލިސީ އަށް މި އަހަރުގެ ނިޔަލަށް ގެންނަން ޖެހޭ ކުއްލި ބަދަލުތަކުގެ ގޮތުގައި އިނާޒް ފާހަގަކުރެއްވީ ދައުލަތުގެ މުސާރަ އާއި އެލަވަންސްތައް 2012 ވަނަ އަހަރާއި ހަމައަށް މިހާރު ހުރި ވަރަށް އެއްވެސް ބަދަލެއް ނުގެނެސް ބެހެއްޓުމާއި އޫރު މަހާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ކެޕިޓަލް ހަރަދުތައް މިހާރު ހުރި، 90 ޕަސެންޓުން 85 ޕަސެންޓަށް ތިރިކޮށް މިހާރަށް ވުރެ ހަރުދަނާ ގޮތަކަށް އެ ހަރަދުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމެވެ.
މެދު ރާސްތާ [ތިން އަހަރު ދުވަސް ނޫނީ އެ އަށް ވުރެ ގިނަ އަހަރު ދުވަސް] ގައި ފިޒްކަލް ޕޮލިސީ އަށް އަންނާނެ ބަދަލުތަކުގެ ގޮތުގައި އިނާޒް ވިދާޅުވީ މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ފަސް ޕަސެންޓް ޖެނެރަލް ޖީއެސްޓީއެއް [އާންމުކޮށް މުދަލާއި ހިދުމަތް ވިއްކާއިރު ނަގާ ޓެކްސް] ނެގުމާއި ޖެނުއަރީ 2012 ފެށިގެން 3.5 ޕަސެންޓުން ހަ ޕަސެންޓަށް ބޮޑުކުރުމާއި އަދި 2013 ވަނަ އަހަރު އެ އަދަދު 10 ޕަސެންޓަށް ބޮޑުކުރުމާއި އަންނަ އަހަރުން ފެށިގެން އިންކަމް ޓެކްސްއެއް ނަގަންފެށުމާއި އިމްޕޯޓް ޑިއުޓީ ކަނޑާލައި ވިޔަފާރިފައިދާ އިން ޓެކްސް ނަގަން ފެށުމާއި އަދި ބެޓް ޓެކްސް 2013 އަހަރަށް ދެހެހެއްޓުމެވެ.
"އަޅުގަނޑުމެން މި ކަންތައްތައް މަޖިލީހަށް މި ހުށަހަޅަނީ. މަޖިލީހުގެ ތެރެއިން މިކަންކަން ހާސިލްކުރަން. އެ ބޭފުޅުން ދެއްވާ އެއްޗަކަށް ބެލުމަށް ވުރެ ބޮޑަށް އަޅުގަނޑުމެން ބަލަންވީ އޭގެން ރާއްޖޭގެ އިގްތިސޯދަށް ކުރާ ފައިދާ. މިއީ މިހާރު ވެސް އަޅުގަނޑުމެން ގެންނަންވެފައި ހުރި ބަދަލުތަކެއް،" އިނާޒް ވިދާޅުވި އެވެ.
މަނިޓަރީ ޕޮލިސީ އަށް ގެންނަން ޖެހޭ ބަދަލުތަކުގެ ގޮތުގައި ގަވަރުނާ ފަޒީލް ފާހަގަކުރެއްވީ މަނީފްލޯގައި ދައުރުވާ ފައިސާ ތާށިކުރުމާއި މިހާރެކޭ ވެސް އެއްގޮތަށް ފޮރިން އެކްސްޗޭންޖް ސްޓެބިލައިޒް ކުރުމާއި އަދި އެމްއެމްއޭގެ ގަވާއިދު ޒަމާނާ އެއްގޮތަށް އިސްލާހު ކުރުމެވެ. އެގޮތުން ފޮރިން އެކްސްޗޭންޖް ސްޓެބިލައިޒް ކުރުމުގެ ގޮތުން އަޅުއްވާ ބައެއް ފިޔަވަޅުތަކުގެ ގޮތުގައި މިހާރު ހަފްތާއަކު އެއްފަހަރު ބޭންކްތަކަށް ދެމުން ގެންދާ ޑޮލަރުގެ އިތުރުން ފޮރިން އެކްސްޗޭންޖް "ސްވޮޕެއް" ކުރިއަށް އޮތް ހަފްތާގެރޭގައި ގާއިމް ކުރާނެ ކަމަށެވެ. ފަޒީލް ނަޖީބު ވަނީ އައިއެމްއެފްގެ އެ ޕެކޭޖަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އެ ފިޔަވަޅުތަކަކީ އަޅުގަނޑުމެން އެންމެން އަތުގުޅާލައިގެން މިހާރު އިގްތިސޯދު މި އޮތް ދަނޑިވަޅުން ސަލާމަތް ކުރުމަށް ކުރަން ޖެހިފައި އޮތް ކަމެއް. އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބަ އޮތް ދުރުރާސްތާއެއްގައި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރެވޭނެ ކަމުގެ. އެގޮތުން އަޅުގަނޑުމެން ދޭން ޖެހޭ އެއްބާރުލުން އަބަދުވެސް ސަރުކާރަށް ދެމުން ގެންދާނަން." ފަޒީލްގެ ތާއީދު އޮތް ކަން ހާމަކުރައްވަމުން ވިދާޅުވި އެވެ.
ސަރުކާރުން އައިއެމްއެފްގެ ޕެކޭޖާ އެއްގޮތަށް ފިޔަވަޅުތައް އަޅަން ފެއްޓި ނަމަވެސް އައިއެމްއެފްގެ ރިވިއު މިޝަނާއި ރާއްޖޭގެ ކަމާ ބެހޭ އިދާރާތަކާ ދެމެދު، ވި ސްޓާފްލެވެލްގައި އެއްބަސްވުން ފުރިހަމަ ވާނީ، އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުން ފާސްކުރުމުންނެވެ. މީގެ ކުރިން ވެސް ރާއްޖެ ވަނީ އައިއެމްއެފްގެ ޕެކޭޖެއްގައި ބައިވެރިވެ ރާއްޖެ އިން އެ ޕެކޭޖްގެ ބައެއް ކަންތައްތައް ފުރިހަމަ ނުކުރެވުމުން އެޕެކޭޖުން އެއްފަރާތްކޮށްފަ އެވެ.