07 Aug 2016, 15:54
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޕްރިޒަން އޮފިސަރުންނަށް މިދިޔަ އަހަރު ދީފައިވާ ޕްރޮމޯޝަން ބާތިލްކޮށްދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުއްވީ ކަރެކްޝަނަލް ސާވިސްގެ ބައެއް ޕްރިޒަން އޮފިސަރުންނެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައި ވަނީ މިދިޔަ އަހަރު ދީފައިވާ ޕްރޮމޯޝަން ބާތިލްކޮށް، ޕްރޮމޯޝަން ދިނުމުގެ ކަންތައް ގަވާއިދާއެއްގޮތަށް ކުރިއަށްގެންދިޔުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ގަވާއިދާ ޚިލާފަށް ޕްރޮމޯޝަން ދީފައިވާ ކަމަށް ބުނެ އެކަން އިސްލާހު ކުރުމަށް، މައްސަލަ ހުށަހެޅި ޕްރިޒަން އޮފިސަރުންގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ކަރެކްޝަނަލް ސާވިސްގައި ސިޓީއަކުން އެދިފައެވެ. އަދި އެކަން އިސްލާހު ނުކޮށްފިނަމަ ޝަރީއަތަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް މަހުފޫޒު ވަނީ ކަރެކްޝަނަލް ސާވިސް އަށް އަންގާފައެވެ.
މަހުފޫޒު ކަރެކްޝަނަލް ސާވިސް އަށް ފޮނުވި ސިޓީގައި ވަނީ ޕްރޮމޯޝަން ދިނުމުގެ ކަންކަން ހިންގުމަށް ހަތް މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލަން ގަވައިދުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް އެކުލަވާލާފައި ވަނީ އަށް މެމްބަރުންގެ ކޮމިޓީއެއް ކަމަށެވެ.
މީގެ އިތުރުން މަގާމުގެ ޕްރޮމޯޝަނަށް ކުރިމަތިލުމަށް މުވައްޒަފުންނަށް ހަމަހަމަ ފުރުސަތު ދީފައި ނުވާ ކަމަށާއި، ގަވައިދުގެ 16 ވަނަ މާއްދާގައި ޝަރުތު ހަމަނުވާ ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާކަން ވަކީލު ފާހަގަ ކުރައްވާފައިވެއެވެ. އަދި ޑިސިޕްލިނަރީ މައްސަލަ ހުރި ބައެއް މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމަށް، ރިކޯޑުން އެކަންކަން ފޮހެފައިވާކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.