ނިމިދިޔަ ޖޫން މަހު ފިލިޕީންސްގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ރޮޑްރީގޯ ޑުޓާޓް، އޭނާގެ ސަރުކާރުގައި އަދި ދައުލަތުގެ އެކި މަގާމުތަކުގައި އުޅޭ މީހުންގެ ތެރެއިން، ޑްރަގު ނެޓްވޯކުތަކާ ގުޅުން ހުރި މީހުންގެ ނަންތައް އާންމުކުރައްވައި، އެމީހުން ބޭޒާރު ކޮށްލައްވައިފިއެވެ.

މިއަދު ރައީސް ޑުޓާޓް ދެއްވި ޚިތާބެއްގައި އާންމު ކުރެއްވި ނަންތަކުގެ ތެރޭގައި، ސަރުކާރުގެ އިސް އޮފިޝަލުން، ފަނޑިޔާރުން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަދި ފުލުހުންގެ އޮފިޝަލުން ހިމެނެއެވެ. ރައީސް ޑުޓާޓް އާންމުކުރެއްވި ނަން ލިސްޓުގެ ތެރެއިން ގިނައީ، ދައުލަތުގެ ވަޒީފާތަކުގައި ދެމިތިބި މީހުންނެވެ.

ރައީސް ޑުޓާޓްއަކީ ޖިނާއީ ކުށްތަކާ ދުރުހެލި މުޖުތަމައުއެއް ބިނާ ކުރުމުގެ ރިޔާސީ ވައުދާ އެކު އިންތިޚާބަށް ކުރިމަތިލެއްވި ބޭފުޅެކެވެ.

ރައީސް ޑުޓާޓް މިއަދު ވިދާޅުވީ، އޭނާ އާންމުކުރެއްވި ލިސްޓު ވަނީ އެތައް ފަހަރަކު އަސްކަރިއްޔާއާއި ފުލުހުންގެ ޓާސްކް ފޯސްތަކުން ބަލައި، ޗެކު ކޮށްފައި ކަމަށެވެ.

އޭނާ ވިދާޅުވީ، އެ ލިސްޓުގައި ތިބި ބައެއް މީހުންނަކީ އޭނާ ދަންނަ މީހުން ކަމަށާއި، އެހެން ނަމަވެސް ލިސްޓު އާންމު ކުރުމަކީ އޭނާ އަދާ ކުރައްވަން ޖެހޭ ޑިއުޓީއެއް ކަމަށެވެ.

ލިސްޓު ވިދާޅުވުމުގެ ކުރިން ރައީސް ޑުޓާޓް ވިދާޅުވީ، ތުހުމަތުގެ ލިސްޓުގައި ހިމެނޭ މީހުން ހަތިޔާރު ގެންގުޅުން މަނާ ވާނެ ކަމަށާއި، ފުލުހުންނަށް އަމާން ދިނުމަށް އެންގެވިއެވެ.

"ތިބާގެ ނަން މި ލިސްޓުގައި އޮތް ނަމަ، ތިބާ އަދާކުރަމުން ދިޔަ ވަޒީފާއިން މިވަގުތުން ފެށިގެން ވާނީ ސަސްޕެންޑު ކުރެވިފައި. 24 ގަޑިއިރު ތެރޭގައި ފުލުހުންނަށް ހާޒިރު ނުވެއްޖެ ނަމަ މުޅި އަސްކަރިއްޔާއާއި ފުލުހުންގެ ފޯސް ނެރެގެން ނަގަމެސް އަހަރެން ތިބާ ހޯދާނަން،" ރައީސް ޑުޓާޓް އިންޒާރު ދެއްވިއެވެ.

ރައީސް ޑުޓާޓް ވިދާޅުވީ، ޑްރަގު ވިޔަފާރީގައި އުޅޭ ކަމަށް ތުހުމަތު ކުރެވުނު އެންމެންނަށް ވެސް އިންސާފުވެރި ޝަރީޢަތެއް ލިބުމުގެ ހައްގު ކަށަވަރު ކޮށްދޭވާނެ ކަމަށެވެ.

"މި ތުހުމަތުތައް ފަހަރެއްގައި ތެދަކަށް ވެސް ނުވެދާނެ. އެކަމަކު މި ތުހުމަތުން ބަރީޢަ ވުމުގެ ފުރުސަތު އެންމެންނަށް ވެސް އޮންނާނެ،" ރައީސް ޑުޓާޓް ވިދާޅުވިއެވެ.

ރައީސް ރޮޑްރިގޯ ޑުޓާޓް އަކީ ހަރުކަށި ބޭފުޅެކެވެ. ރައީސް ޑުޓާޓް ޖޫން 30 ވަނަ ދުވަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ވަގުތުން ފަށައިގެން އޯގަސްޓް މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުވެގެން ފިލިޕީންސްގައި 524 މީހަކު މަރާލާފައި ވެއެވެ.

ހިއުމަން ރައިޓްސް ގްރޫޕުތަކުން ބުނާ ގޮތުގައި، ރައީސް ޑުޓާޓްގެ ސަރުކާރުން ކުށްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ގެންގުޅޭ އުކުޅު ގޯހެވެ. ރައީސް ޑުޓާޓްގެ އުސޫލްތަކުގެ ސަބަބުން ކުށެއް ނެތް އެތައް ބަޔަކު މަރުވުމުގެ ފުރުސަތު އޮތް ކަމަށް ހިއުމަން ރައިޓްސް ގްރޫޕުތަކުން ބުނެ އެވެ.