07 Aug 2016, 15:13
ބްރެސިލިއާ(އޮގަސްޓް 7): ޕްލާސްޓިކް ސާޖަރީއަށް ޝައުގުވެރިވާ ފަރާތްތަކުގެ އެންމެ މަގުބޫލު އެއް މަންޒިލަށް ބްރެޒިލް ހަދައިދިން ސާޖަން، އީވޯ ޕިޓަންގީ މަރުވެއްޖެއެވެ.
ހާޓްއެޓޭކެއް ޖެހުމުގެ ސަބަބުން 90 އަހަރުގެ ޕިޓަންގީ މަރުވެފައި ވަނީ މިހާރު ރިއޯގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ދަންމަރު ރޯ ކުރުމަށް ބޭއްވި ރިލޭގައި ބައިވެރިވިތާ އެއް ދުވަސް ފަހުންނެވެ. ސިއްހީ ހާލަތު ހުރި ގޮތުން ޕިޓަންގީ ރިލޭގައި ބައިވެރިވެފައި ވަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
ބްރެޒިލްގެ ގިނަ ރައްޔިތުންގެ އިހުތިރާމު އޭނާއަށް ލިބިފައި ވަނީ ފަގީރު މީހުންނަށް އޭނާ ހިލޭ ފޯރުކޮށްދޭ ހިދުމަތްތަކުގެ ސަބަބުންނެވެ. އޭނާ ވަނީ އެކްސިޑެންޓެއްގެ ސަބަބުން ހަށިގަނޑުގެ ނުވަތަ މޫނުގެ އުނިކަން ހުންނަ ފަގީރުންނަށް ކޮންމެ ހަފްތާއަކު އެއްފަހަރު އޭނާގެ ހިދުމަތްތައް ފޯރުކޮށްދީފައި ކަމަށް ރޮއިޓާސްގައިވެއެވެ.
"އީވޯ ޕިޓަންގީގެ ދިރިއުޅުން ހޭދަ ކޮށްފައި ވަނީ އެހެން މީހުންގެ ދިރިއުޅުން ރަނގަޅު ކުރުމުގައި،" ބްރެޒިލްގެ ވަގުތީ ރައީސް މިޝޭލް ޓެމާ ވިދާޅުވިއެވެ. (ބީބީސީ)