07 Aug 2016, 16:56
ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމާމެދު ދިވެހިންގެ ވިސްނުމާ ވައްޓަފާލި ބަދަލު ކުރުމަށް ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް ފަށައިފި އެވެ.
މިދިޔަ ހުކުރު ދުވަހު "މުރަކަ މީހުން"ގެ ނަމުގައި ފެށި އެ ކެމްޕެއިން ތިން އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، އެ ކެމްޕޭނަކީ ރާއްޖޭގައި އައިޔޫސީއެން އާއި ދިވެހި ސަރުކާރާ ގުޅިގެން ޔޫއެސްއޭއައިޑީގެ އެހީތެރިކަމާއެކު ހިންގާ ޕްރޮޖެކްޓް ރިޖެނަރޭޓް (ރީފްސް ޖެނެރޭޓް އެންވަޔަމެންޓަލް އެންޑް އިކޮނޮމިކް ރެޒިލިއަންސީ)ގެ ދަށުން ހިންގާ ކެމްޕޭނެކެވެ.
"މުރަކަ މީހުން" ކެމްޕެއިން އިފްތިތާހު ކުރުމުގެ ހަރަކާތުގައި އެންވަޔަމަންޓު މިނިސްޓްރީ އާއި، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއޭއައިޑީ) އަދި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން) އިން ބައިވެރި ވެފައިވެ އެވެ.
އެ ކެމްޕޭން އިފްތިތާޙް ކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެފައި ވަނީ ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް، މޯލްޑިވްސް ވޭލްޝާކް ރިސާޗް ޕްރޮގްރާމް އަދި މިނިސްޓްރީ އޮފް އެންވަޔަމަންޓް އެންޑް އެނާޖީ އާއި މެރިން ރިސާޗް ސެންޓަރުން ސްޓޯލްތައް ބައިވެރިކޮށްފައިވެ އެވެ.

"މުރަކަ މީހުން" ކެމްޕެއިން އިފްތިތާހް ކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އީޕީއޭ
ޔޫއެސްއޭއައިޑީގެ މިޝަން ޑިރެކްޓަރ، ޑރ. އެންޑްރޫ ސިސޯން ވިދާޅުވީ މުރަކަފަރުގެ ނިޒާމުތަކަކީ ދެމެހެއްޓެނިވި ކަނޑުތަކަށް ކޮންމެހެން ވެސް މުހިއްމު އެއްޗެއް ކަމަށާއި އެއީ މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ނާޒުކު އެއްޗެއް ކަމަށެވެ.
"މުރަކަފަރުތަކުގެ ބެލެހެއްޓުން ހަރުދަނާކޮށްގެން އަޅުގަނޑުމެންނަށް ރާއްޖޭގައި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތައް މަދުކުރުމަށް މަސައްކަތްކޮށް، މިފަދަ ނޭދެވޭ އަސަރުތަކާ ކުރިމަތިލުމަށް ރަށްރަށުގެ މުޖުތަމައުތަކަށް އެހީތެރިވެވޭނެ،" ޑރ، ސިނޯން ވިދާޅުވި އެވެ.
"މުރަކަފަރުތަކަކީ ދިވެހިރާއްޖެ އުފެދުމުގެ އަސާސް ކަމުގައި ވިޔަސް، މި މާޙައުލީ ނިޒާމާމެދު އަޅުގަނޑުމެންނަށް ބައެއްފަހަރު އިހުމާލުވެވޭ، ޚާއްޞަކޮށް އަޅުގަނޑުމެންގެ ނާޒުކު ގޮނޑުދޮށްތަކާ ރަށްތައް - މުޅިން މުރަކަ ވެލިން އުފެދިފައިވާ- ހިމާޔަތްކުރުމުގައި މުރަކަފަރުތައް ކުޅޭ ދައުރު. މުރަކަފަރުތަކުން ފޯރުކޮށްދޭ މުހިންމު މާހައުލީ ނިޒާމުގެ ޚިދުމަތްތައް އަޅުގަނޑުމެން ފާހަކަ ކުރަން ޖެހޭ،" މުރަކަފަރުތަކުގެ މުހިއްމު ކަމާމެދު ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވި އެވެ.

"މުރަކަ މީހުން" ކެމްޕެއިން އިފްތިތާހް ކުރުމަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން --- ފޮޓޯ/ އީޕީއޭ
"މުރަކަ މީހުން"ގެ ނަމުގައި ހިންގާ އެ ޤައުމީ ކެމްޕޭނުން މީހުންގެ ވައްޓަފާޅި ހެޔޮގޮތުގައި ބަދަލުކޮށް މުރަކަ ފަރުތަކަށް ދިމާވާ ބުރަތައް ލުއިކުރުމަށް ތަރުހީބުދީ، މުރަކަ ފަރުތައް ގުޅިފައިވާ މިންވަރާއި ފަރުތަކަށް އާއްމުކޮށް ދިމާވާ ބުރަތަކަށް އަލި އަޅުވާލަ އެވެ.
އެ ކެމްޕޭނުގައި ފޭސްބުކް، ޓްވިޓަރ، އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ނެޓްވޯކްތަކާ، އީމެއިލް، އަދި ރޭޑިއޯ ޓީވީ އާ ނޫސް މަޖައްލާ ބޭނުންކުރާގޮތަށް ހަމަޖެހިފައިވެ އެވެ. އޭގެ އިތުރުން އިންފޯގްރެފިކްސް، ނިއުސްލެޓާ އާއި ކޮމިކް ފަދަ ތަކެތި ތައްޔާރުކޮށް ބެހުމަށްވެސް ހަމަ ޖެހިފައިވެ އެވެ.